ދިގު 10 އަހަރު އެއްކޮށް އުޅެ، ފަސް ދަރިންވެސް ހޯދުމަށްފަހު، މުޅި ދުނިޔެއަށް މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒްއާ މިއަދު ކައިވެނި ކޮށްފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ރޮނާލްޑޯއާއި ޖޯޖިނާ ކައިވެނި ކުރީ ޕޯޗުގަލްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި އެ ދެމީހުންގެ ދަރިންވެސް ބައިވެރިވިއެވެ.
ރޮނާލްޑޯއާ ޖޯޖިނާ ކައިވެނިކުރިކަން ހާމަވީ، ދެ މީހުން ވެޑިންގް ރިންގް އަޅައިގެން ތިބި ފޮޓޯއެއް ރޮނޯލްޑޯ ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރުމުންނެވެ. އޭގައި އެއީ ”އެންމެ ފުރިހަމަ ކައިވެނި“ ކަމުގައި އުމުރުން 41 އަހަރުގެ ފުޓުބޯޅަ ކުޅުންތެރިޔާ ބުނެފައިވެއެވެ. އެ ދެމީހުން ކައިވެނި ކުރިކަން ޕޯޗުގަލްގެ ނޫސްތަކުން ފަހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޖޯޖިނާއާ ކައިވެނި ކުރަން ރޮނާލްޑޯ ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެ ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ 2016 ވަނަ އަހަރު ގޫޗީގެ ފިހާރައެއްގެ ތެރެއިންނެވެ. އެއިރު ޖޯޖީނާ މަސައްކަތް ކުރަމުން ދިޔައީ އެ ފިހާރައިގައެވެ.
ލޯބީގެ ގޮތުން ގުޅެ ގިނަ ދުވަސްތަކެއްވަންދެން އުޅުމަށްފަހު، ދަރިން ލިބުންނަމަވެސް ރޮނާލްޑޯ ކައިވެނި ހުށަނާޅާހުރީ އެކަމަށް ”އެންމެ ރަނގަޅު ވަގުތު“ ބެލުމަށް ކަމުގައި އޭނާ ކުރިން ވަނީ ބުނެފައެވެ.
ޒަމާންވީ ލޯބިވެރިޔާ، އަދި ދަރިންގެ މަންމަ ޖޯޖިނާއަށް ރޮނާލްޑޯ ކައިވެނިކުރަން ހުށަހެޅީ ޑަޔަމަންޑް އަނގޮއްޓިއަކުންނެވެ. ނަމަވެސް ކައިވެނީގެ އަނގޮއްޓިކަމުގައި ދެއްކި އަނގޮއްޓި ތަފާތެވެ. އާއްމުކުރި ފޮޓޯއިން ފެންނަނީ ވަރަށް އާދައިގެ އަނގޮއްޓިއެއް ޖޯޖިނާ އަޅައިގެން ހުއްޓައެވެ.



