ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭއްވެވުމަށް ހަމަޖެހިފައިވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ބައިވެރިވެ ވަޑައިގަތުމަށް އިތުރު 8 ދާއިރާއަކުން ނަން ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
އެގޮތުން ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ހުޅުވައިލައްވަނީ އިހަވަންދޫ ދާއިރާ، ނައިފަރު ދާއިރާ، ފޮނަދޫ ދާއިރާ، މީދޫ ދާއިރާ، ވިލިމާލެ ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާމިގިލި ދާއިރާ އަދި ތިނަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށެވެ.
”ރައްޔިތުންގެ އަޑު“ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުން، ރައީސް އޮފީހުގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް http://rayyithungeadu.presidency.gov.mv މެދުވެރިކޮށް، މިހިނގާ އޮގަސްޓް މަހުގެ 17 ވާ ހޯމަ ދުވަހުގެ 00:00 ގެ ކުރިން ނަން ނޯޓުކުރުމަށް ވަނީ އެދިފައެވެ.
މި ބައްދަލުވުމަކީ، ރައީސްއާ ބައްދަލުކުރަން ބޭނުންވާ ބޭފުޅުންނަށް ވީހާވެސް ފުޅާދާއިރާއެއްގައި އެފުރުސަތު ދިނުމަށްޓަކައި ފަށާފައިވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ކުރިއަށްގެންދާ ބައްދަލުވުމެެކެވެ.
މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު އާންމުކޮށްފައިވާއިރު އުސޫލުގައިވާ ގޮތުން ރައީސް މުޢިއްޒުއާ ބައްދަލުކުރުމަށް އެދޭ މީހުންގެ އަދަދަށާއި، މި ބައްދަލުންވުންތަކަށް ކަނޑައެޅިފައިވާ ވަގުތަށާއި ރައީސް އޮފީހުގެ އިދާރީ އިންތިޒާމުތަކަށް ބަލައިގެން ބައްދަލުންވުންތަކަށް ފުރުސަތު ދެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.



