”މަދިރިން ރައްކާ“ ޕްރޮގްރާމްގެ ދަށުން ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ ބޮޑު ސަރަހައްދެއް މިއަދު ސާފުކޮށްފިއެވެ.
”މަދިރިން ރައްކާ“ މި ޕްރޮގްރާމަކީ އެޗްޑީސީން އިސްނަގައިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިއަދު ކުރިއަށްގެންދިޔައީ މި ޕްރޮގްރާމުގެ ތިން ވަނަ ހަރަކާތެވެ.
މިއަދުގެ ހަރަކާތުގަައި އެޗްޑީސީގެ ފެސިލިޓީ މެނޭޖްމެންޓްގެ ހީވާގި މުވައްޒަފުންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ބައެއް މުވައްޒަފުންނާއި އެޗްޑީސީ ތިލަފުށި ބްރާންޗުގެ ބައެއް މުވައްޒަފުންގެ އިތުރުން ހުޅުމާލޭ ފުލުހުންގެ ޓީމެއްވެސް ބައިވެރިވިއެވެ.
އެޗްޑީސީން މިއަދު ސާފުކޮށްފައިވަނީ ހުޅުމާލޭ ފްލެޓު ނަންބަރު 1 ން 7 އާ ދެމެދުގެ ސަރަހައްދެވެ. އަދި ތިލަފުއްޓާއި ގުޅީފަޅުގެ ޓީމަށް ދީފައިވަނީ 8 ން 13 އާ ދެމެދުގެ ސަރަހައްދެވެ.

”އަޅުގަނޑުމުންގެ ފޯކަސްއަށް ވެފައިމިވަނީ، މަދިރި އާލާވާ ހުރިހާ އެއްޗެއް ނައްތާލުން. އެގޮތުން ފުޅިއާއި ދަޅާއި އެފަދަ އެއްޗެހި ހިމެނޭ.“ މިއަދުގެ ހަރަކާތާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީ ފެސިލިޓީ މެނޭޖްމަންޓްގެ އެސިސްޓަންޓް ޑިރެކްޓަރ އިބްރާހިމް ޝަރީފު ވިދާޅުވިއެވެ.
މީގެއިތުރުން، މަދިރި އާލާވާނެ ކުދިކުދި އެއްޗެހިތައް ވެސް އާންމުން ގުޅިގެން ހިތްވަރާއެކު މަސައްކަތް ކުރަން އެޗްޑީސީން ވަނީ ގޮވާލާފައެވެ.
އެޗްޑީސީން މިއަދު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން ވަނީ:
° 138 ޕްލާސްޓިކް ފުޅި ހޮވާފަ
° މަދިރިފަނި އަޅާފައި ހުރި 487 ފުޅިމަދު ފޮއްޓާއި، ފުޅިބުރި، އަދި ބާލިދީ ނައްތާލާފަ.
° ފުޅަ އުފެދިފައި ހުރި 18 ތަނެއް ނައްތާލާފަ.
° ނަޖިސް އުފެދިފައި ހުރި 5 ފެންގަނޑު ނައްތާލާފަ.


