ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް ޕްރިމިއަރ ބޭންކް (އެމް.ޕީ.ބީ)ގެ ޑިޖިޓަލް މަންސަތައް ރަސްމީކޮށް ރޭގައި އިފުތިތާހު ކޮށްދެއްވައިފިއެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި، މޯލްޑިވްސް ޕްރިމިއަރ ބޭންކްގެ އިފުތިތާހީ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ، ބޭންކުގެ މޯބައިލް އެޕްލިކޭޝަން ”އެމް.ޕީ.ބީ ޕްލަސް“ އާއި އިންޓަރނެޓް ބޭންކިންގ ޚިދުމަތް އިފުތިތާހު ކޮށްދެއްވާފައެވެ.
އެމް.ޕީ.ބީ އަކީ، ޓިއަރ 1 ފެންވަރުގެ، ސައްތައިން ސައްތަ ދިވެހި ބޭންކެކެވެ. އެ ބޭންކުގެ މަޤުސަދަކީ، ދިވެހި މާލީ ވެއްޓަށް އަހުލުވެރި، ޒަމާނީ، އިތުބާރު ހުރި މާލީ ޚިދުމަތްތަކެއް މެދުވެރިކޮށް، ވަކި ވަކި ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކޯޕަރޭޝަންތަކަށް، ރާއްޖެ އާއި ބައިނަލްއަޤުވާމީ މައިދާނުން ފަހި ފުރުސަތުތައް ހޯދައިދިނުމެވެ. އެމް.ޕީ.ބީގެ ޚިދުމަތްތައް ފަރުމާކުރެވިފައިވަނީ، ޑިޖިޓަލް މަންސައެއްގައި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބިނާކޮށް، ބައިނަލްއަޤުވާމީ ގުޅުންތައް ކަށަވަރުކޮށްދީގެން، ހަރުދަނާ ހިންގުމުގެ އޮނިގަނޑެއްގެ ތެރެއިން، ކަސްޓަމަރުންނަށް އިސްކަންދީގެން ޚިދުމަތްދިނުމަށް ކަމުގައި އެ ބޭންކުން ހާމަކުރައްވައެވެ.
ރައީސް މުޢިއްޒުގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި، ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓް އަދި އެމް.ޕީ.ބީގެ ހިއްސާދާރު މުޙައްމަދު ޢަލީ ޖަނާޙް އާއި، އެމް.ޕީ.ބީގެ ބޯޑު މެންބަރުންނާއި، އިސް އޮފިޝަލުންނާއި، ބޭންކުގެ ޕާޓްނަރުންނާއި، ރާއްޖޭގެ މާލީ ދާއިރާގެ ފުންނާބު އުސް ގިނަ އަދަދެއްގެ ބޭފުޅުން ރޭގެ އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



