ބްރެޒިލްގެ ކުރީގެ ތަޖްރިބާކާރު ކުޅުންތެރިޔާ ރޮނާލްޑީނިއޯ އަނެއްކާވެސް ވާދަވެރި ފުޓުބޯޅައަށް އެނބުރި އައުމަށް ނިންމައިފިއެވެ.
ރޮނާލްޑީނިއޯ އަލުން ވާދަވެރި ފުޓްބޯޅައިން ފެނިގެންމިދަނީ އޭނާ ކުޅުން ހުއްޓާލިތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.
މަޢުލޫމާތު ލިބޭގޮތުގައި އުމުރުން 46 އަހަރުގެ ރޮނާލްޑިނިއޯ މިފަހަރު ފެނިގެންދާނީ އިޓަލީވިލާތުގެ ތިންވަނަ ޑިވިޜަން ނުވަތަ ސެރީ ސީގެ ކްލަބެއް ކަމަށްވާ ރަވޭނާ އެފްސީއިންނެވެ. އަދި ރަވޭނާގެ ކުޅުންތެރިއެއްގެ ގޮތުގައި އާންމުކޮށް ދައްކާލުމުގެ ރަސްމިއްޔާތަށްޓަކައި ރޮނާލްޑީނިއޯ މިހާރު ވަނީ އިޓަލީވިލާތުގެ ފޯލީއަށް ގޮސްފައެވެ.
އުމުރުން 46 އަހަރުގައި ރިޓަޔަމަންޓުން އެނބުރި އައުމަށް ރޮނާލްޑީނިއޯ ނިންމި ނިންމުމުގެ ސަބަބުން ގިނަ ބަޔެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައިވާއިރު، ރަވޭނާގެ ރައީސް އިގްނާޒިއޯ ސިޕްރިއާނީ ވިދާޅުވީ މި ސީޒަންގައި އެޓީމުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގެ ތެރެއިން މަދުވެގެން އެއް މެޗުގައި ރޮނާލްޑީނިއޯ ކުޅޭނެ ކަމަށެވެ.
2005 ވަނަ އަހަރުގެ ބެލޮން ޑިއޯ އެވޯޑު ހާސިލްކޮށްފައިވާ ރޮނާލްޑީނިއޯ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅެފައިވަނީ 2015 ވަނަ އަހަރު ބްރެޒިލްގެ ކްލަބް ފުލުމިނެންސޭ އަށެވެ.
ރަވޭނާގެ ދަނޑަކީ ގާތްގަނޑަކަށް 12،000 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެކެވެ. ރޮނާލްޑީނިއޯ އެނބުރި އައުމުގެ ހަބަރާއެކު ރަވޭނާގެ ސަޕޯޓަރުންގެ އިތުރުން އެހެން ސަރަހައްދުތަކުގެ މީހުންގެ ބޮޑު ސަމާލުކަމެއް މިހާރު ވަނީ އެ ކްލަބަށާއި ރޮނާލްޑީނިއޯއަށް ލިބެން ފަށައިފައެވެ.



