ޑައިރެކްޓަރު ފާތުމަތު ނަހުލާގެ ކާމިޔާބު ސީރީޒް ”ހުވާ“ ގެ ތިން ވަނަ ސީޒަންގެ ޓީޒާއެއް މިއަދު އާންމުކޮށްފިއެވެ.
މި ޓީސާ ދައްކާލާފައި ވަނީ މީގެ އަށް ގަޑިއިރު ކުރިން ބައިސްކޯފްގެ އޮފިޝަލް އިންސްޓާގްރާމް އައިޑީއެންނެވެ.
ކުރީގެ ސީޒަންތަކެކޭ އެއްފަދައިން ބައިސްކޯފް އެޕް މެދުވެރިކޮށް މި ސީޒަން ދައްކަން ފަށާނީ އަންނަ މަހު ކަމަށް ވިޔަސް، ޕްރީމިއާ ކުރާނެ ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޝޫޓިން ފެށި ”ހުވާ 3“ އަކީ ނަހުލާގެ އިތުރުން ފިލްމީ ތަރި އައިޝަތު ރިޝްމީ ޑައިރެކްޓްކޮށް ގެނެސްދޭ އުފެއްދުމެކެވެ.
ބައިސްކޯފް ޕްލެޓްފޯމް ނޮވެމްބަރު 12، 2018 ގައި ލޯންޗްކުރިއިރު އެންމެ ފުރަތަމަ ދެއްކި ސީރީޒަކީ ވެސް އެ މަހުގެ 29 ގައި ޕްރީމިއާ ކުރި ”ހުވާ“ އެވެ. މި ސީރީޒްގެ ކުރީގެ ދެ ސީޒަނުގައި ޖުމްލަ 102 އެޕިސޯޑް ގެނެސްދީފައިވެއެވެ.
މީގެ ކުރީގެ ސީޒަންތަކުގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު ފައިސަލް، މަރިޔަމް އައްޒަ، ރަވީ ފާރޫގް، އަބްދުﷲ މުއާޒް (މުއާ)، އަހުމަދު އީސަ (އާނަންދު)، އައިމިނަތު ރިޝްފާ، ޝީލާ ނަޖީބު، އަހުމަދު އަޒްމީލް (އަޒޭ)، އަލީ އާޒިމް (ދޮންއައްޔަން)، އިބްރާހީމް ޖިޖާދު (ޖިމީ)، އާރިފާ އިބްރާހީމް އަދި ރޯނު ހަސަން މަނިކު ފަދަ މަޝްހޫރު ތަރިން ފެނިގެން ގޮސްފައިވެއެވެ. އަދި ތިން ވަނަ ސީޒަނުން ވެސް ކުރީގެ މައިގަނޑު ބައެއް ތަރިން ފެންނާނެއެވެ.
ހުވާ” އަކީ އާއިލީ މައްސަލަތަކާއި، ލޯތްބާއި، ކެހިވެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރަށް އަސަރުގަދަ ޑްރާމާ ސިލްސިލާއެކެވެ. ކުރީގެ ސީޒަންތަކަށް ލިބުނު ބޮޑު ތަރުހީބާއެކު، އާ ޑައިރެކްޓަރަކާއެކު ގެނެސްދޭ މި ސީޒަނަކީ ކުރިއަށްވުރެ ވެސް ފޯރިގަދަ އަދި ފެންވަރު ރަނގަޅު އުފެއްދުމަކަށް ވާނެކަމަށް ފިލްމީ ދާއިރާގެ މީހުން ލަފާކުރެއެވެ.
މި ސީރީޒް ނެރުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ނަހުލާގެ ފީޗާ ފިލްމު ”މަޖުނޫނު“ ގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ.



