ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ހ. މީނާޒު، ޝަމްއޫން ހަމީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރްސީއެމްގައި މިވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ ދައުރު އަންނަ އޮކްޓޯބަރު މަހު ހަމަވާތީ، ހުސްވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
މި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ދެ ބޭފުޅެއްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ދެ ބޭފުޅުންނަކީ ޝަމްއޫން ހަމީދުގެ އިތުރުން މިހާރުވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޛާ ސަމާޢު އަހުމަދު ނަޖީބެވެ. ސަމާޢުގެ މަޤާމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހަށެވެ.
މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ ދެ ބޭފުޅުންނަކީވެސް އެ މަޤާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަމަށެވެ. އެއަށްފަހު އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ ޝަމްއޫން އެ މަޤާމަށް އައްޔަން ކުރެއްވުމަށެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރި ޝަމްއޫން ހަމީދަކީ މީގެ ކުރިންވެސް އެ ކޮމިޝަނުގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އެ ކޮމިޝަނުގެ އިސް މަޤާމުތަކުގެ އިތުރުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައެވެ.




