ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ގައުމީ ޓީމުން ރިޓަޔާކޮށްފިއެވެ.
މެސީ މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، މިއީ އުނދަގޫ އަދި ހިތްދަތި ނިންމުމެއް ކަމުގައި ވިޔަސް، ގައުމީ ޓީމަށް ކޮށްދެވެން ހުރި ހުރިހާ ޚިދުމަތެއް ކޮށްދެވިއްޖެ ކަމުގެ ފުރިހަމަ އިހުސާސް ކުރެވޭ ކަމަށެވެ.
އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މެސީ ރިޓަޔަރމަންޓް އިއުލާނު ކުރަމުން ބުނެފައިވަނީ، މިއީ އާ ޖީލުގެ ހުނަރުވެރި ކުޅުންތެރިންގެ ވަގުތު ކަމަށެވެ.
އާޖެންޓީނާ ގައުމީ ޓީމަށް 2005 އިން 2026 އަށް ކުޅުނު 207 މެޗުން 125 ލަނޑު ކާމިޔާބުކޮށްދީފައިވާ މެސީ ފާހަގަކުރި ގޮތުގައި، ވޯލްޑް ކަޕަށް ފަހު ރިޓަޔާވާން އޭނާ ހުރީ ކުރިން ވެސް ވިސްނައިގެންނެވެ. ނަމަވެސް، ދާދި ފަހުން އޭނާގެ ބައްޕަ މަރުވުމާ ގުޅިގެން އިތުރަށް މަޑުނުކޮށް ގޮތް ނިންމީ ކަމަށް އޭނާ ބުންޏެވެ. މެސީގެ މުޅި ފުޓްބޯޅަ ކެރިއަރު ބިނާކުރުމުގެ މޭސްތިރިއެއް ކަމުގައިވާ ބައްޕަގެ ވަކިވުމާ އެކު، މުޅި ފުޓްބޯޅައިން އެއްކޮށް ދުރަށް ދިއުމަށް ވެސް އޭނާ ވިސްނި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން މެސީ ބުނީ، ދަނޑުމަތީގައި އާޖެންޓީނާއާ އެކު ނެތަސް، އަބަދުވެސް ޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. އަދި ގައުމީ ޓީމަށް ކުޅެން ލިބުމަކީ ޝަރަފެއް ކަމަށް ބުނެ، ސަޕޯޓަރުންނާއި، ކޯޗުންނާއި، ކުޅުންތެރިން އަދި އާއިލާ ހިމެނޭހެން މި ދަތުރުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ޚާއްސަ ޝުކުރެއް އަދާކޮށްފަ އެވެ.
ސްޕެއިން ގައުމީ ޓީމަށް ޒުވާން އުމުރުގައި ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، މެސީ ކުރިން ވެސް އިޚްތިޔާރުކުރީ އާޖެންޓީނާ އެވެ. އޮލިމްޕިކް ރަން މެޑެލް ފިޔަވައި ކެރިއަރުގެ ކުރީކޮޅު ބޮޑު ކާމިޔާބެއް ނުލިބި، 2014 ގެ ވޯލްޑް ކަޕް ފައިނަލުން އަދި 2016 ގެ ކޮޕާ އެމެރިކާ ފައިނަލުން ބަލިވުމުން އޭނާ ކުއްލި ގޮތަކަށް ރިޓަޔާ ވެސް ކުރިއެވެ.
އެހެންނަމަވެސް އަލުން އެނބުރި އައިސް، 2022 ގެ ވޯލްޑް ކަޕް އަދި ކޮޕާ އެމެރިކާ މުބާރާތް ދެ ފަހަރަށް ކާމިޔާބުކޮށްދީ، މި އަހަރުގެ މުބާރާތުގެ ފައިނަލަށް އާޖެންޓީނާ ގެންދިއުމުގައި ވެސް މެސީ އިސް ދައުރެއް އަދާކުރިއެވެ.



