ރާއްޖޭގެ މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ސަމާ އިސްވެ ކުރިއަށް ގެންދާ ”ހިތުން ހިތަށް“ ޕްރޮގްރާމުގެ ޓިކްޓޮކް ލައިވްގައި ފަރުވާއަށް ބޭނުންވެފައިވާ ދެ ބަލިމީހަކަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ރޭ ހޯދައިދީފިއެވެ.
ގަޑިއިރަކަށް ވުރެ ކުރު ވަގުތުކޮޅެއްގެ ތެރޭގައި މި އެހީ ހޯދައިދީފައިވާއިރު، މިއީ ”ހިތުން ހިތަށް“ ޕްރޮގްރާމަށް އެންމެ ގިނަ ފަންޑު ލިބުނު ރެއެވެ.
ސަމާގެ ”ހިތުން ހިތަށް“ ޕްރޮގްރާމަކީ ބޭސްފަރުވާއާއި އެހެނިހެން ކަންކަމަށް އެހީތެރިކަން އިންތިހާއަށް ބޭނުންވާ ފަރާތްތަކަށް ފަންޑް ރެއިޒް ކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ. ރޭ ކުރިއަށް ގެންދިޔަ ލައިވްގައި ކޮންމެ ޕޭޝަންޓަކަށް ވަނީ އެއްލައްކައަށް ވުރެ ގިނަ ރުފިޔާގެ އެހީ ލިބިފައެވެ.
ރޭ އެހީ ހޯދައިދިން ފުރަތަމަ ޕޭޝަންޓަކީ އުފެދުމުގައި ހުރި ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ހަ މަހުގެ ތުއްތު ކުއްޖެކެވެ. އަދި ދެވަނަ ޕޭޝަންޓަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
މި މަސައްކަތް ސަމާ ކުރިއަށް ގެންދާތާ މިހާރު ތިން އަހަރުވެފައިވާއިރު، މި ޕްރޮގްރާމަށް އާންމުންގެ ފަނޑުވުމެއް ނެތް ބޮޑު ތާއީދެއް ލިބެމުންދެއެވެ. ސަމާގެ ފަންޑް ރެއިޒިން އިވެންޓުތައް ގިނައިން އަމާޒުކުރަނީ ކުޑަކުދިންނަށް ކަމުގައިވިޔަސް، މި އިވެންޓުތަކުން ދައްކުވައިދެނީ އާންމުން ސަމާއަށް ކުރާ އިތުބާރާއި، ވާ ލޯތްބާއި ދިވެހިންގެ ދީލަތިކަމެވެ.





1 Comment
♥️♥️♥️♥️♥️♥️♥️