އެޕަލްގެ އައު ސީއީއޯ ޖޯން ޓާނަސް އިސްވެ ހުންނަވައި، އެ ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ކަމަށްވާ އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
އެލުމިނިއަމް އަދި ބެކް ގްލާސް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ މި ފޯނުތައް ހަތަރު ކުލައެއްގައި ލިބެން ހުންނައިރު، އެ ކުލަތަކަކީ ޑީޕް ބްލެކް (ގަދަ ކަޅު) ސިލްވާ (ރިހި) ގްލޭސިއާ (އަލި ނޫކުލައެއް) އަދި ބާގަންޑީއެވެ.
އައިފޯން 18 ޕްރޯގެ 256 ޖީބީގެ ފޯނުގެ ފެށޭ އަގެއް ގޮތުގައި ކަނޑައަޅާފައި ވަނީ 1،199 ޑޮލަރެވެ. އައިފޯން 18 ޕްރޯ މެކްސްގެ 256 ޖީބީގެ ފޯނެއްގެ އަގަކީ 1،299 ޑޮލަރެވެ.
މި ފޯނުތަކުގައި ހިމަނާފައިވާ 2 ނެނޯމީޓަރުގެ އޭ20 ޕްރޯ ޗިޕަކީ ސިރީ އޭއައިއަށް ބާރުދޭ މައިގަނޑު އަސާސެވެ. އައު ތާމަލް ޑިޒައިނާއެކު ގްރެފިކްސް ޕާފޯމަންސް 40 އިންސައްތަ އަވަސްވެފައިވާއިރު، ޗިޕުގެ އެފިޝިއެންސީގެ ސަބަބުން އައިފޯން 18 ޕްރޯގެ ބެޓެރީ 36 ގަޑިއިރަށް އަދި ޕްރޯ މެކްސްގެ ބެޓެރީ 45 ގަޑިއިރަށް ދެމިގެންދެއެވެ. އަދި ވަޔަރޑް ޗާޖިންގ މެދުވެރިކޮށް 15 މިނެޓު ތެރޭގައި 50 އިންސައްތަ ޗާޖުކޮށްލެވެއެވެ.
ކެމެރާ ސިސްޓަމަށް ބަލާއިރު، ބަދަލުކުރެވޭ އެޕަޗާ އެކުލެވޭ 48 މެގަޕިކްސެލްގެ ”ފިއުޝަން މެއިން ކެމެރާ“ އާއި ”ސްމާޓް ފޯކަސް ޓްރެކިން“ ވަނީ ހިމަނާފައެވެ. މީގެ އިތުރުން ފޮޓޯގެ އަސްލުކަން ކަށަވަރުކުރުމަށް ”އެޕަލް ރެފަރެންސް އިމޭޖް“ ޓެކްނޮލޮޖީއާއި ސިންތުއައިޑީ ސަޕޯޓް ވަނީ ތަޢާރަފުކޮށްފައެވެ.
މި ފޯނުތަކުގެ ޑައިނެމިކް އައިލެންޑް ކުޑަކުރެވިފައިވީ ނަމަވެސް އެއްފަހަރާ ތިން ހަރަކާތް ބަލަހައްޓައިދެއެވެ. އައިއޯއެސް 27 އާއެކު ކުޑަކުދިންގެ ރައްކާތެރިކަމުގެ ފީޗާތަކާއި ”އައިފޯން ހޭންޑްއޮފް“ ފަދަ އައު ކަންކަން ގެނެސްދީފައިވާއިރު، އައު ޗާޖަރުތަކާއި ސްޓްރެޕްތައް ފަދަ އެކްސެސަރީތައް ވެސް ވަނީ ދައްކާލާފައެވެ.



