ގަލްފު ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގުތައް އުފުލެމުންދާތީ، ހަކަތަ އިގްތިސާދު ކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ކުރާ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން ބުރާސްފަތި ދުވަހު ޕާކިސްތާނުން އިއުލާނުކޮށްފިއެވެ.
ހަރަދު ކުޑަކުރުމުގެ މި ފިޔަވަޅުތަކުގެ ތެރޭގައި ސަރުކާރުގެ އުޅަނދުތަކަށް ދޫކުރާ ތެލުގެ ކޯޓާ މަދުކުރުމާއި، ދައުލަތުގެ ބަޖެޓުން އުޅަނދު ގަތުން މެދުކަނޑާލުން ހިމެނެއެވެ. މީގެއިތުރުން، ސަރުކާރުގެ އިސް ވެރިން ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާއި، ސަރުކާރުގެ ފެންވަރުގައި ބާއްވާ ދައުވަތުތަކާއި ފަރިއްކޮޅުތައް ދިނުން ވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
މިއަހަރުގެ ތެރޭގައި ދެވަނަ ފަހަރަށް ތަންފީޒުކުރަން ފެށި މި ފިޔަވަޅުތަކުގެ ދަށުން އައިޓީ ސާމާނު ފިޔަވައި ހިފާގެންގުޅޭ އެހެނިހެން ތަކެތި ސަރުކާރަށް ގަތުން ވަނީ މަނާކޮށްފައެވެ. އަދި ބައްދަލުވުންތައް ޓެލެކޮންފަރެންސް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
މީގެ ކުރިން މާރިޗު މަހު ވެސް ޕާކިސްތާނުން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ދެ ހަފުތާއަށް ސްކޫލުތައް ބަންދުކޮށް، ގޭގައި ތިބެގެން މަސައްކަތްކުރުމަށް އަންގާފައެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ތެލާއި ގޭހުގެ އެކްސްޕޯޓަށް ވަނީ ހުރަސްއެޅިފައެވެ. އަދި ސައުދީ އަރަބިއްޔާއާއި ޔަމަނުގެ ހޫޘީންނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރަތްކަނޑުގެ ވިޔަފާރި މަގުތަކަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، އެލްއެންޖީ ލިބުމަށް ވަނީ ދަތިވެފައެވެ. މީގެ ސަބަބުން ޕެޓްރޯލާއި ޑީސަލްގެ އަގު އުފުލި، ޕާކިސްތާނަށް ވަނީ ގޭހާއި ކަރަންޓުގެ ތަދުމަޑުކަމަކާ ކުރިމަތިލާންޖެހިފައެވެ.
ތެލުގެ އަގު އުފުލުމުގެ ސަބަބުން އާންމުންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ސައިކަލާއި ރިކްޝާ އަދި ކުދި ކާރުތައް ދުއްވާ ފަރާތްތަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ލީޓަރަކުން 100 ރުޕީސް ގެ ސަބްސިޑީއެއް ދިނުމުގެ އައު ސިޔާސަތަކަށް ބުދަ ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.
މި ފިޔަވަޅުތަކުގެ އެހީގައި ކުރިއަށް އޮތް މަސްތަކުގައި ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވި، ގައުމުގެ ހަކަތައިގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ޕާކިސްތާނު ސަރުކާރުން އުންމީދު ކުރެއެވެ.
ނަމަވެސް، ގަލްފު ސަރަހައްދުގެ މަޝްރަހު އިތުރަށް ގޯސްވެ، ތެޔޮ ސަޕްލައިކުރުމަށް ދިމާވެފައިވާ ހުރަސްތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، އިގްތިސާދީ ގޮތުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ.



