ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސް ފުޓްބޯލް މެގަޒިން އިން ދޭ ޝަރަފުވެރި ބެލޮންޑިއޯ އެވޯޑް މި ފަހަރު ހައްގުވަނީ ލިއޮނަލް މެސީއަށް ކަމަށް އިންޓަ މަޔާމީގެ ކޯ-އޯނަރު ޑޭވިޑް ބެކަމް ހާމަކޮށްފިއެވެ.
އެވޯޑަށް ވާދަކުރާ 30 ކުޅުންތެރިންގެ ޝޯޓްލިސްޓުގައި އާޖެންޓީނާގެ ކެޕްޓަން ހިމެނިފައިވާއިރު، މެސީ އަކީ މި އެވޯޑް ރެކޯޑު އަދަދަކަށް، އެއީ 8 ފަހަރު ކާމިޔާބުކޮށްފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.
އިންޓަ މަޔާމީން ކެމްޕިއޮނެސް ކަޕް ކާމިޔާބުކުރުމާ ގުޅިގެން ވާހަކަދައްކަމުން ބެކަމް ބުނީ، ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމަށް ބަލާއިރު މެސީ އެވޯޑަށް ނޮމިނޭޓްވުން ފުރިހަމައަށް ހައްގު ކަމަށާއި، އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވެސް މެސީ ކަމަށެވެ. އަދި އުމުރުން ދުވަސްވީ ނަމަވެސް، ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގައިވެސް މެސީ ދެއްކި ފަދަ ނުފޫޒުގަދަ ކުޅުމެއް ދެއްކޭނެ އެހެން ކުޅުންތެރިއަކު ނެތް ކަމަށް ބެކަމް ފާހަގަކުރިއެވެ.
”އަޅުގަނޑުގެ ނަޒަރުގައި ބެލޮންޑިއޯ މެސީއަށް ލިބެންޖެހޭ،“ ބެކަމް ބުންޏެވެ.
ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައުމުގެ އެކްރެޑިޓްކޮށްފައިވާ 100 ނޫސްވެރިންނާއި ކޯޗުންގެ ވޯޓުން ހޮވާ ބެލޮންޑިއޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 26 ގައި ލަންޑަންގައެވެ.


