ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟަށް ވައިގެ މަގުން ޙަމަލާތަކެއް އަމާޒުވެދާނެ ކަމަށް ބަލައި ދިން ކުއްލި ނުރައްކަލުގެ އިންޒާރާއި ގޮވުންތަކުގެ އަޑު އިވުމަށްފަހު، އެ ސަހަރަށް އޮތް ނުރައްކަލުގެ ޙާލަތު މިހާރު ވަނީ އުވާލައި، ޢާންމު ތަންތަނަށް އެއްވެ ނޫޅުމަށް އިލްތިމާސްކޮށްފައެވެ.
މިއީ ޖުލައި މަހު ޔަމަނުގައި ޙަރަކާތްތެރިވާ ޙޫޘީ ހަނގުރާމަވެރިން ސަޢުދީއާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ވަރުގަދަކޮށް، ޙޫޘީން ކަނޑުގެ ޙިޞާރެއް އިޢުލާނުކުރި ފަހުން ރިޔާޟުގައި މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ.
ސަޢުދީން މުދާ އެކްސްޕޯޓުކުރާ މައިގަނޑު ކަނޑުގެ މަގުތައް ކަމަށްވާ މޮޚާ ބަނދަރާއި ޕެރިމް އައިލެންޑުގެ ކޮންޓްރޯލް ޙޫޘީން ހޯދުމާއި، ތެޔޮ އުފައްދާ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ޙަމަލާތައް ދިނުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އަދި ހުރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ސަޢުދީން ބޮޑަށް ބަރޯސާވަނީ ރަތްކަނޑުގެ ސަރަޙައްދަށެވެ.
މި މައްސަލައިގައި ޙޫޘީންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅައިދިނުމަށް ސަޢުދީން އެދުނު ނަމަވެސް، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސީދާ އަސްކަރީ ގޮތުން ބައިވެރިވުމުގެ ބަދަލުގައި ޖާސޫސީ މަޢުލޫމާތާއި އަމާޒުތައް ދެނެގަތުމުގެ އެހީތެރިކަން ދިނުމަށް ހުށަހަޅުއްވައި، ސަރަޙައްދީ ޞުލްޙައަށް މަޝްވަރާތައް ފައްޓަވާފައެވެ.
އދގެ ސަލާމަތީ މަޖިލީހުގައި ބާބުލް މަންދަބު ކަނޑުއޮޅި ބަންދުކުރާ ޙޫޘީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސަޢުދީއާއި ޔަމަނުން ގޮވާލާފައިވާއިރު، 2014 އިން ފެށިގެން ހިނގަމުންދާ މި ހަނގުރާމައިގައި 150،000 އަށްވުރެ ގިނަ މީހުން މަރުވެ، 22 މިލިއަން މީހުން ވަނީ އިންސާނީ އެހީއަށް ބޭނުންވެފައެވެ.


