އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ގިނަ އަދަދެއްގެ ޤައުމުތަކުގެ މަންދޫބުން އިހުތިޖާޖުކުރުމުގެ ގޮތުން މާލަމުން ނުކުމެވަޑައިގެންފިއެވެ.
މާލަމުން ނުކުމެވަޑައިގެން މަންދޫބުންގެ ތެރޭގައި ރާއްޖެއިން ދަތުރުކުރެެއްވި ދިވެހި ވަފުދުވެސް ހިމެނެއެވެ.
ގިނަ ގޮނޑިތަކެއް ހުސްވި މި ދަނޑިވަޅުގައިވެސް، ނަތަންޔާހޫ ވަނީ ބައިނަލްއަޤުވާމީ ފާޑުކިޔުންތަކަށް ބެލުމެއްނެތި ޣައްޒާގެ ޤަތުލުޢާންމާއި ސަރަޙައްދީ މުސްލިމް ޤައުމުތަކަށް ދެމުންދާ ހަމަލާތައް ދިފާޢުކޮށްފައެވެ.
ނަތަންޔާހޫ ތަގުރީރު ދޭން ފެށުމާއިއެކު، މައި މަރުކަޒު ބޭރުގައިވެސް އެތައް ހާސް ބަޔަކު ވަނީ ފަލަސްޠީނުގެ ޙައްޤުގައި ނަތަންޔާހޫއާ ދެކޮޅަށް އަޑުއުފުލާފައެވެ.
ނަތަންޔާހޫގެ ވާހަކައިގެ ކުރިން، ވީޑިއޯ މެދުވެރިކޮށް ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވީ، ޔަހޫދީންގެ ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ ވުޖޫދަށް ނުރައްކާވެ، ދެ ދައުލަތުގެ ޙައްލު ގެއްލެމުންދާ ކަމަށެވެ. ޣައްޒާގައި ނަސްލުހޭދުކުރުމާއި، މީހުން ޝަހީދުކުރުމާއި، ބަނޑުހައިހޫނުކަން އުފެއްދުމުގެ އިތުރުން ގަދަކަމުން މީހުން ބޭރުކުރަމުންދާއިރު، ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުން ހަލުވިކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި
ހަރުކަށި ފަރާތްތަކުން ”ބޮޑު ޔަހޫދީ“ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތްތަކާ މެދުވެސް ޢައްބާސް އިންޒާރު ދެއްވިއެވެ.
އަސްކަރީ އިސްތިޢުމާރާއި ވަޒަންވެރިންގެ ނިރުބަވެރިކަމުން ދެ ދައުލަތުގެ ޙައްލު ޙާޞިލުނުވާނެ ކަމަށް ވިދާޅުވެ، ފަލަސްޠީނުގެ ވަފުދަށް ވިސާ ދިނުމަށް އެމެރިކާއިން ދެވަނަ އަހަރަށް ދެކޮޅުހެދި ހެދުމަށް ޢައްބާސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ އެފަދަ ފިޔަވަޅުތައް އުވާލައި، ބިންތައް ފޭރުން ހުއްޓުވުމަށް އެމެރިކާއިން ވެފައިވާ ވަޢުދުތައް ފުއްދުމަށް ގޮވާލައްވާފައެވެ.
ހަމައެއާއެކު، އިސްރާއީލުގެ ވަޒަންވެރިން އުފައްދާ ތަކެތި ބޭންކޮށްފައިވާ ޤައުމުތަކަށް ރައީސް ޢައްބާސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އެމަނިކުފާނުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުނުކުރެވޭނެ ކަމަށާއި، ރައްޔިތުންގެ މުސްތަޤުބަލު ކަނޑައެޅުމުގެ އެއްވެސް އިޚުތިޔާރެއް ބޭރުގެ އެއްވެސް ފަރާތަކަށް ދޫކޮށްނުލައްވާނެ ކަމަށެވެ.



