އޯޓިޒަމާއި އޭޑީއެޗްޑީގެ ސަބަބުން ދަތި ހާލުގައި ދިރިއުޅެމުން އަންނަ މުޙައްމަދު ފައްޔާހް ހަސަން (ދޮންކަލޯ) އާއި އޭނާގެ ބައްޕަ ހަސަން ފަޔާޒް (ފަޔާ) ދިރިއުޅޭނެ ރައްކާތެރި ދާއިމީ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ރޭ ކުރިއަށްގެންދިޔަ ޚާއްޞަ ފަންޑްރައިޒިން އިވެންޓުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މި ހަރަކާތަކީ ޓިކްޓޮކްގެ މަޝްހޫރު ތަރިން ކަމުގައިވާ އެމްޓީޕީއާއި މަރިޔަމް ސަމާގެ ޓީމު އިސްނަގައިގެން، މުޅި ޓިކްޓޮކް ކޮމިއުނިޓީ ގުޅިގެން ”ހިޔާ ފޯ ދޮންކަލޯ“ ގެ ނަމުގައި ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އުމުރުން 19 އަހަރުގެ ދޮންކަލޯ އާއި އޭނާގެ ބައްޕަ ދިރިއުޅެމުންދަނީ ބ. ހިތާދޫގެ ވަރަށް ދުވަސްވީ ގެއެއްގައެވެ. ދޮންކަލޯ ބެލުމަށްޓަކައި ފަޔާޒު ވަނީ ކުރިން ކުރަމުންދިޔަ ވަޒީފާ ވެސް ދޫކޮށްލާފައެވެ. ވަޒީފާއަކަށް ދިޔަ ނަމަވެސް، ދޮންކަލޯ ރުޅިގަދަވާ ހާލަތްތަކުގައި ގޭގައި ތިބޭ މުސްކުޅި މަންމަމެންނަށް އޭނާ ކޮންޓްރޯލް ނުކުރެވޭތީ، ފަޔާއަށް ޖެހެނީ މުއްދަތެއް ނެތްގޮތަށް ގޭގައި މަޑުކުރާށެވެ. މިހާރު ދިރިއުޅޭ ގެއަކީ ދޮންކަލޯ ދުވެލާނެ ޖާގައެއް ނެތް، އަދި ހޫނުގަދަ ތަނަކަށްވުމުން، އޭނާއަށް ރަނގަޅު މާހައުލެއް ހޯދައިދިނުމަށް ފަޔާ ވަނީ އާގެއެއް ބިނާކުރަން ފަށާފައެވެ. އެގެ ހިޔާކޮށްފައިވީ ނަމަވެސް، މާލީ ތަނަވަސްކަން ނެތުމުން ތަޅުން އެޅުމާއި މުށި ޖެހުން ފަދަ މަސައްކަތްތައް ހުރީ ހުއްޓިފައެވެ.
އެ ދެބަފައިންގެ ހާލަތު ފެނި ސަމާ އަދި އެމްޓީޕީ އިސްނަގައިގެން މުޅި ޓިކްޓޮކް ކޮމިއުނިޓީން ގުޅިގެން ބޭއްވި މި ލައިވް ފެށިގެން 30 މިނެޓުވީއިރު ވެސް 14,000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އަދި ދަންވަރު އެކެއް ޖެހުމާ ހަމައަށް ފަޔާޒުގެ ބީއެމްއެލްއާއި އެމްއައިބީ އެކައުންޓަށް 1.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާވެފައިވާއިރު، މިއީ އެ އާއިލާއިން އުއްމީދުކުރި ވަރަށްވުރެ ވެސް މާ ބޮޑު އަދަދެކެވެ.
”ވަރަށް އުފާވެއްޖެ، އަހަރެން އުއްމީދެއް ނުކުރަން މިހާވަރު ވާނެ ކަމަށް، މިހާ ހިސާބަށް ދިޔައިމަ އެނގޭ ދިވެހި ރައްޔިތުން އެހީވާން ތައްޔާރަށް ތިބި މިންވަރު، އަޅުގަނޑާއި ދޮންކަލޯގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ.“ ލިބުނު އެހީތެރިކަމާ ގުޅިގެން ފަޔާޒު ބުންޏެވެ.
ދިވެހި ޓިކްޓޮކް ކޮމިޔުނިޓީން މީގެ ކުރިންވެސް މިފަދަ އެކި ކަހަލަ އިންސާނީ އެހީތެރިކަމުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ހިންގާފައިވާއިރު، މި ލައިވްގެ ތެރެއިން ލިބުނު ފައިސާގެ އެހީގެ އިތުރުން، އެ ގޭގައި ބޭނުންކުރާނެ ފަރުނީޗަރާއި އެހެނިހެން ތަކެތި ހަދިޔާކުރާނެކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.



