މެލޭޝިއާގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ އެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ސ. ހިތަދޫއަށް ނިސްބަތްވާ، އުމުރުން 21 އަހަރުގެ އިމީލީ ނާޒިމެވެ.
އިމީލީއަކީ މެލޭޝިއާގެ ޓެއިލާސް ޔުނިވަސިޓީގައި ތައުލީމު ހާސިލުކުރަމުން އައި ދަރިވަރެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ކުއާލަ ލަމްޕޫރުން ވިޔަފާރިކުރުމަށް ފަހު، ގްރެބް އެޕްލިކޭޝަން މެދުވެރިކޮށް ހޯދި ކާރެއްގައި އެނބުރި ގެއަށް ދިޔަ މަގުމަތީގައެވެ. ދެ ކާރު ޖެހި ހިނގި މި އެކްސިޑެންޓުގައި، ދިވެހި ދަރިވަރުން ދަތުރުކުރި ކާރު ވަނީ ފުރޮޅާލައި، އަނެއްފުށަށް ޖެހިފައެވެ. މި ހާދިސާގައި އިމީލީގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބި، އޭނާ ނިޔާވީ އެކްސިޑެންޓު ހިނގި ސަރަހައްދުގައެވެ. އަދި ހާދިސާއަށް ފަހު އޭނާ ގެންގޮސްފައިވަނީ ޕުޗޮންގ ހޮސްޕިޓަލަށެވެ.
މި އެކްސިޑެންޓު ހިނގި ވަގުތު ކާރުގައި އިތުރު ދިވެހި އަންހެން ދަރިވަރަކު ވެސް އިނެވެ. އެނގިފައިވާ ގޮތުގައި އެ ދަރިވަރުގެ ފަޔަށް އެކި ވަރުގެ އަނިޔާތައް ލިބުނު ނަމަވެސް، ހާލު ސީރިއަސްއެއް ނޫނެވެ.




