ބަދަލުވަމުންދާ ދުނިޔެއެއްގައި ދަރިވަރުންގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުދައްރިސުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށާއި، މުދައްރިސުންނަށް ފުރިހަމަ އެއްބާރުލުން ދީގެން މެނުވީ ގައުމުގެ ބިންގާ ވަރުގަދަ ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް މުޢިއްޒު ވަނީ، މުދައްރިސުންގެ އިލްމާއި، ބުރަ މަސައްކަތާއި، ޅަދަރިންގެ ހިތްތަކުގައި އެ ބޭފުޅުން ބަހައްޓަވާ އަސަރުތަކުގެ އަގު ވަޒަންކުރައްވާފައެވެ. އަދި ގައުމުގެ މުސްތަގުބަލަށްޓަކައި މުދައްރިސުން ވެވަޑައިގަންނަވާ ގުރުބާނީއަށާއި ކުރައްވާ ހިދުމަތަށް އިހުލާސްތެރި ޝުކުރެއް އެމަނިކުފާނު އަދާކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މުދައްރިސުންގެ މުހިންމު ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެކަށީގެންވާ މާހައުލެއް ފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. އެގޮތުން، މި ސަރުކާރުން މުދައްރިސުންގެ ދުޅަހެޔޮކަމާއި ވެލްފެއާއަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި މުދައްރިސުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި، މަސައްކަތުގެ މާހައުލު ރަނގަޅުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެން ޝާމިލުވާ ތައުލީމީ ނިޒާމެއް (އިންކްލޫސިވް އެޑިއުކޭޝަން) ހަރުދަނާކޮށް، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި މުދައްރިސުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



