ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާބެހޭ ޤާނޫނާއެކު ރާއްޖެއިން ކޮރަޕްޝަން ނައްތާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުއްޖެއެވެ.
މަޖިލީހުގެ ގިނަ މެންބަރުން މިހެން ވިދާޅުވެފައިވަނީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ހުށަޅުއްވާފައިވާ ކުށްކޮށްގެން ހޯދާ މުދަލާގުޅޭ ބިލަށް ބަހުސް ކުރައްވަމުންނެވެ.
މި ބިލަކީ ޖިނާޢީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ކުށް ކޮށްގެން ހޯދާ މާލީ މަންފާގެ ބޭނުންކުރުން ހުއްޓުވައި، ނުޙައްގުން ހޯދާ މުދާ ނެގުމާއި އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމުގެ މަޤުސަދުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
ބިލު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވިދާޅުވީ ރާއްޖޭގެ ޤާނޫނީ ޢަދުލުގެ ނިޒާމު ޒަމާނުއްސުރެ ބައްޓަންވެފައި އޮތީ ކުށްކުރާ މީހުންނަށް ޖިސްމާނީގޮތުން އަދަބު ދެވޭ ގޮތަށް އެކަނި ކަމަށެވެ. ނަމަވެސް ބޮޑެތި ކުށްކުރާ މީހުން، އެ ކުށްކޮށްގެން ހޯދާ ފައިސާއިން ނަފާ ހޯދަމުންދާ ކަމަށާއި އެކަން ހުއްޓުވުން ކޮންމެހެން މުހިންމު ކަމަށެވެ.
”މި ބިލުގައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ކަނޑައެޅިފައިވާނެ. އިސްތިސްނާ ހާލަތުގައި ކުށް ސާބިތުވުމާ ނުލައި ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލު ތަޢާރަފުކޮށްފައިވާނެ. ކުށްކޮށްގެން ހޯދާ މުދަލުގެ މުއާމަލާތްކުރަން ނުވަތަ ތަސައްރަފުކުރުން ހުއްޓުވުމަށްޓަކައި އެ މުދާ ހިފެހެއްޓުމަށް އުސޫލުތައް ކަނޑައެޅިފައިވާނެ.“ މެންބަރު ޢަލީ ފަޒާދު ވިދާޅުވިއެވެ.



