ތައިލެންޑުގެ ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ކުކުޅު މަރުވުމާ ގުޅިގެން، ބޭރުގެ ބާޒާރުތަކަށް ބިސް އެކްސްޕޯޓްކުރާ މިންވަރު މަދުކުރުމަށް ތައިލެންޑް ސަރުކާރުން ކުންފުނިތަކަށް އިލްތިމާސްކޮށްފިއެވެ.
ތައިލެންޑަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން ބިސް ލިބުމަށް ދަތިތަކާ ކުރިމަތިވެފައިވާތީ، 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ބިސް އެކްސްޕޯޓްކުރާ މިންވަރު 30 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްކުރުމަށް އެ ގައުމުގެ އިގްތިސާދީ ވުޒާރާ ވަނީ ވިޔަފާރިތަކަށް އަންގާފައެވެ.
ވޭތުވެދިޔަ އަހަރު 50.46 މިލިއަން އެމެރިކާ ޑޮލަރުގެ ބިސް އެކްސްޕޯޓްކުރިއިރު، މައިގަނޑު ގޮތެއްގައި ބިސް ބޭރުކޮށްފައިވަނީ ސިންގަޕޫރަށާއި (79 އިންސައްތަ) ހޮންކޮންގަށެވެ (9 އިންސައްތަ).
ގައުމުގެ އެތެރޭގެ ބާޒާރުގައި ބިސް ލިބުން ދެމެހެއްޓުމަށްޓަކައި، ފެންބޮޑުނުވާ ސަރަޙައްދުތަކުން ބިސް ހޯދައި ފިހާރަތަކަށް ފޯރުކޮށްދިނުމާއި، ކުކުޅުގެ އުމުރު 80 އިން 85 ހަފުތާއަށް އިތުރުކުރުމުގެ އިތުރުން، ބިހެއްގެ ފާމް-ގޭޓް އަގު 0.12 އެމެރިކާ ޑޮލަރުގައި ހިފެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ސެޕްޓެމްބަރު 16 އިން ފެށިގެން ތައިލެންޑުގެ 51 އަވަށެއްގައި ފެންބޮޑުވެ، ބެންކޮކް ހިމެނޭހެން މިހާތަނަށް 31 މީހުން މަރުވެފައިވާއިރު، ބެންކޮކަށް އެންމެ ތިން ދުވަހުން މުޅި މަހުގެ ވާރޭ (12.6 އިންޗި) ވެހުމުން އެއީ ކާރިސާގެ ސަރަޙައްދެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
އަދި އޮކްޓޫބަރު 9 އިން 13 އަށް ވެސް އެ ގައުމުގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.



