ވިލުންތެރި ޤައުމެއް ބިނާކުރުމަށާއި، ދެމެހެއްޓެނިވި އިޤްތިޞާދެއް ޤާއިމުކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ރައީސްގެ މެސެޖުގައި، އެންމެންނަށް ރައްކާތެރި، ޞިއްޙީގޮތުން ފައިދާހުރި އަދި ހެޔޮއަގުގައި ކާބޯތަކެތި ލިބޭނެކަން ކަށަވަރުކޮށްދޭ، އީޖާދީ، ދެމެހެއްޓެނިވި އަދި ވިލުންތެރި ކާބޯތަކެތީގެ ނިޒާމުތަކެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިޢާރަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވިދާޅުވީ، މިއަދު ނިންމާ ނިންމުންތަކާއި ކުރާ އިންވެސްޓްމަންޓުތަކަކީ އަންނަން އޮތް ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަންކަން ކަމަށެވެ. އަދި އީޖާދުތަކަށް އިންވެސްޓުކުރުމަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ފުޅާކޮށް، ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމާއެކު ދުޅަހެޔޮ މުސްތަޤުބަލެއް ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖެއަކީ ޖަޒީރާ ޤައުމަކަށް ވުމުން، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ޤައުމީ ވިލުންތެރިކަމަށާއި އިޤްތިޞާދީ ދެމެހެއްޓެނިވި ކަމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދީގެން އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި، ދިރިއުޅުމާއި މުޖުތަމަޢުތައް ދަމަހައްޓައިދޭ ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މި ދާއިރާއިން އަޅަމުންދާ ފިޔަވަޅުތަކަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށްޓަކައި ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މަސް ރައްކާކުރުމާއި ޕްރޮސެސްކުރުމުގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. މީގެ އިތުރުން، ދަނޑުވެރިކަން ކުރިއެރުވުމަށް ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން އެކި ރަށްރަށުގައި މަޝްރޫޢުތައް ހިންގަމުންދާ ކަމަށާއި، ރަށްރަށުގެ ބިންތައް ހެޔޮގޮތުގައި ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމުގެ ތެރެއިން ތާޒާ މޭވާ ލިބުން ފަސޭހަކޮށް ދަނޑުވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ.
އެތެރޭގެ ސަޕްލައި ޗެއިންތައް ހަރުދަނާކޮށް، ދަނޑުވެރިންނާއި މަސްވެރިންނަށް ބާޒާރުތައް ފަހިކޮށްދިނުމާއެކު އިތުރު އިންވެސްޓްމަންޓްތަކަށް މަގުފަހިކުރަމުންދާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އީޖާދުތަކާއި ޢިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ޒިންމާއެއްކަން ފާހަގަކުރައްވަމުން، އެންމެން އެކުގައި މަސައްކަތްކޮށް ދަނޑުވެރިންނާއި މަސްވެރިން އަދި އެފަރާތްތަކުގެ ޢާއިލާތައް ބާރުވެރިކުރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
އަދި ކޮންމެ ގޭބީސީއަކަށްވެސް ޞިއްޙަތަށް ފައިދާހުރި ކާނާ ހެޔޮއަގުގައި ލިބޭނެކަން ކަށަވަރުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ބާރުއަޅުއްވާފައެވެ.



