ށ.އަތޮޅުން ފެށިގެން އައްޑުއަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން 20:00އަށެވެ. ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
މެޓުން ހާމަކުރި ގޮތުގައި މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. މިއަދާއި މާދަމާވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ދަނީ އެކި ސަރަޙައްދުތަކަށް އެލާޓްތައް ނެރެމުންނެވެ.
މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އާންމުކޮށް ވައި ޖެހޭނީ އާދައިގެ މިންވަރަކަށް މަޑުން ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެގޮތުން އުތުރާއި މެދު ރާއްޖެތެރެއަށް ހުޅަނގު އުތުރާއި އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަސަރު ކުޑަވެ މޫސުން އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ލަފާކުރެވުނު ނަމަވެސް، ކުރިއަށް އޮތް މުޅި ހަފުތާގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.



