ރާއްޖޭގެ ސިޓީތަކުގައި ތަރައްޤީކުރަމުން އަންނަ ޔޫތު ހަބުތަކުގައި ޒުވާނުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ސަރުކާރުން ބޭއްވި ”އަހާ“ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ސިޓީއެއްގައި މިހާރު ޔޫތު ހަބުތައް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ތަންތަން ހުޅުވިގެން ދިއުމުން، ވެރިރަށް މާލެއެކޭ އެއްފަދައިން އަތޮޅުތަކުގެ ސިޓީތަކުގައި ޤާއިމުކުރެވޭ ހަބުތަކުންވެސް ޒުވާނުންނަށް ބޭނުންވާ ނަފުސާނީ އެހީތެރިކަމާއި ކައުންސެލިންގގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޔޫތު ހަބުތަކުގެ ބޭނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ފާހަގަކުރެއްވީ، އެ ތަންތަން ފަރުމާކުރަނީ ސްޓަޑީ ރޫމްތަކާއި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ހިމެނޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން ފަންނިއްޔާތާ ގުޅުންހުރި ޕްރޮގްރާމްތަކާއި، ޒުވާނުން ބާރުވެރިކުރުވުމުގެ ޙަރަކާތްތައް ހިންގުމާއި، އަތޮޅުތަކުން މީހުން ގެނެސް އެކި ކަންކަމުގައި މަޝްވަރާކޮށް ސައްލާކުރުމުގެ ފުރުޞަތު އެ ތަންތަނުން ފަހިވާނެއެވެ.
ޒުވާނުންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 1456 ގެ ނަމުގައި ހިލޭ ގުޅޭ ހޮޓްލައިނެއްވެސް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. މި ހޮޓްލައިންގެ މައިގަނޑު މަޤްޞަދަކީ ކޮންމެ ޒުވާނަކަށްވެސް އެމީހެއްގެ ބޭނުންތަކާ އެއްގޮތަށް، އެއް ފުރާޅެއްގެ ދަށުން ކައުންސެލިންގއާއި ނަފުސާނީ ޞިއްޙަތުގެ އެހީތެރިކަން އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ފޯރުކޮށްދިނުމެވެ.
މި ހޮޓްލައިން މެދުވެރިކޮށް ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ޚިދުމަތުގެ އިތުރުން، ނަފުސާނީ ކުއްލި އެހީތެރިކަމާއި، ޞިއްޙީ ސްކްރީނިންގ އަދި ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ ސެޝަންތައް ލިބެއެވެ.
ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް 1456 އަށް ގުޅައިގެން މި ޚިދުމަތްތައް ހިލޭ ހޯދޭނެއެވެ.



