ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި އަތޮޅުތަކުގެ ރަށްރަށަށް ބޯކޮށް ވާރޭވެހި، މަގުތަކުގައްޔާއި މީހުން ދިރިއުޅޭ ގެތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ފެންހިންދުމުގެ މަސައްކަތުގައި ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެގޮތުން ހދ. އަތޮޅާއި، ނ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގެ ރަށްތަކެއްގައި ފެންބޮޑުވެގެން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުން ދަނީ އެ ރަށްރަށުގައި މެދުކެނޑުމެއްނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ސަރަހައްދަކީ ހދ. އަތޮޅެވެ. ކުޅުދުއްފުށި ސިޓީގެ 100 އަށްވުރެ ގިނަ ގެއަށާއި އެ އަތޮޅު ނޮޅިވަރަމުގެ 20 ގެއަކަށް ފެންވަދެ ގެއްލުންތައް ލިބުމާ ގުޅިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ވަނީ ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ. އަދި އެ ރަށު މަގުތަކުން ފެންހިންދުމަށް މިހާތަނަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހދ. ނޭކުރެންދޫގެ ތިން ގެއަކަށާއި ފިހާރައަކަށް ފެންވަދެފައިވާތީ އެ ތަންތަނުގައި ވެލިބަސްތާ ޖަހައި ފުލުހުން ވަނީ ރައްކާތެރިކަން ފޯރުކޮށްދީފައެވެ. މީގެ އިތުރުން ހދ. ކުމުންދޫ ގެއަކަށް ފެންވަދެ ހިފާގެންގުޅޭ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާއިރު، އެ ރަށު ކައުންސިލާ ގުޅިގެން މަގުމަތިން ފެންހިންދުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ.
ކުޅުދުއްފުށި ސިޓީއަށާއި ނޮޅިވަރަންފަރަށް ވެހުނު ބޯ ވާރޭގައި ފެންބޮޑުވެ ގެއްލުންތަކެއް ލިބިގެން ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ހދ. ފިނޭގެ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދުމަށް އާންމުންނާއި މުއައްސަސާތަކާ އެކު ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ.
ޅ. އަތޮޅުގެ ތިން ރަށެއް ކަމަށްވާ ކުރެންދޫ، ހިންނަވަރު އަދި ނައިފަރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަންނަމުން ދާތީ މިއަދު ހެނދުނު 09:30 އިން ފެށިގެން ފުލުހުން ދަނީ އެ ރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

އެގޮތުން އެ ތިން ރަށުގެ ކައުންސިލްތަކާއި ކުންފުނިތަކާ ގުޅިގެން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެންހިންދުމާއި، ފެންވަންނަމުންދާ ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ޖެހުމުގެ އިތުރުން ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މީގެ އިތުރުން، ބ. ކުޑަރިކިލު ކައުންސިލުން އިސްނަގައިގެން އެ ރަށުގެ މުއައްސަސާތަކާއި ފުލުހުން ގުޅިގެން ރަށު ތެރެއިން ފެންހިންދުމުގެ މަސައްކަތް މިއަދު ހެނދުނު 09:30 ހާއިރު ވަނީ ފަށާފައެވެ. އެ ރަށަށް ވެހުނު ބޯ ވާރޭގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވެ، ގޭގެއަށާއި އެކި އިމާރާތްތަކަށް ފެން ވަދެފައިވެއެވެ. އަދި ނ. ލަންދޫއަށް މިއަދު ފަތިހުން ފެށިގެން ވެހުނު ވާރޭގައި އެ ރަށުގެ ބައެއް ގެތަކަށް ފެންވަދެފައިވާތީ، އިތުރަށް ފެންވަނުން ހުއްޓުވުމަށް އެ ގެތަކުގެ ވަށައިގެން ވެލިބަސްތާ ޖެހުމުގައި ލަންދޫ ޕޮލިސް ޕޯސްޓުން ވަނީ އެހީތެރިކަން ދީފައެވެ.
ފުލުހުން ބުނިގޮތުގައި، ވިއްސާރައާ ގުޅިގެން ރަށްރަށަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާލަތުން އަރައިގަތުމަށާއި، ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކާއި ކައުންސިލްތަކާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.



