އުމުރުން 22 އަހަރުގެ އަންހެނަކާއި ކުޑަ ކުދިންތަކެއް ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި 9 މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ވިދާޅުވީ މި މައްސަލައިގެ ތުހުމަތުގައި 9 މީހަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ދިވެހި ފިރިހެނުންތަކެއް ކަމުގައި ވެސް ވިދާޅުވިއެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މުޙައްމަދު މައިސަން ޝިޔާޒު (21އ) އާއި އަޙްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ޙަސަން (35އ) އާއި ޢާޒިމް މުފީދު (24އ) އާއި ޢަލީ ޙުޒާމް ސަޢީދު (31އ) އާއި މުޙައްމަދު ޞާލިޙު އަޙްމަދު (26އ) އާއި އަޙްމަދު ނޫޙު ނިޔާޒު (20އ) އާއި މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު (20އ) އަދި އަޙްމަދު ޞާނިޖު ޞާދިޤު (32އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުޙައްމަދު ޞާލިޙު އަޙްމަދު އާއި، މުޙައްމަދު މިޝަލް އަޙްމަދު ޒުހައިރު އާއި، ނަޖުމުﷲ ޙަސަން އަދި އަޙްމަދު ނޫޙު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. މީގެއިތުރުން މުޙައްމަދު މައިސަން ޝިޔާޒު 10 ދުވަހަށް، ޢާޒިމް މުފީދު 15 ދުވަހަށް، އަޙްމަދު ޞާނިޖު ޞާދިޤު 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު، އަޙްމަދު އިފްތިޝާމް ޒަރީރު އާއި ޢަލީ ޙުޒާމް ސަޢީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ 90 ދުވަހަށެވެ.
މި މައްސަލައިގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް އެ ރަށުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހަތަރު ފިރިހެނަކު އެ އަންހެން މީހާ ގެސްޓްހައުސްއަކަށް ގެންދިޔަ ކަމަށާއި އޭނާއަށް ”ޕާޓީ ޑްރަގްސް“ ވެސް ދިން ކަމަށެވެ.
އަދި އޭނާގެ ރުހުމުގައި ހަތަރު މީހަކު އޭނާއާއެކު ޖިންސީ ގުޅުން ހިންގި ކަމަށާއި ފަހުން އިތުރު ބަޔަކުވެސް ގޮސް އޭނާއާއެކު ގަދަކަމުން ޖިންސީ ގުޅުން ހިންގާ ބޮޑެތި ޖިސްމާނީ އަނިޔާތަކެއް ދިން ކަމަށެވެ.
އޭގެ އިރުކޮޅެއްފަހުން އުމުރުން 18 އަހަރު ނުފުރޭ ދެ އަންހެން ކުއްޖަކު ވެސް އެތަނަށް ގެންގޮސް އެކުދިންނަށް ވެސް ޕާޓީ ޑްރަގްސް ދިން ކަމަށާއި އެކުދިންނާއެކު ވެސް ގަދަކަމުން ޖިންސީ ގުޅުން ހިންގިކަމަށް ސޯޝަލް މީޑިއާގެ އެ ޕޯސްޓުގައި ބުނެފައިވެއެވެ.


