ށ. ފުނަދޫގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ގޭބިސީތަކަށް ދިމާވި ކުއްލި ނުރައްކާ މިހާރު ވަނީ އެއްކޮށް ކޮންޓްރޯލު ކުރެވިފައި ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މި ހާދިސާގެ އަދާހަމަ ހިއްސާ ކުރަމުން އެންޑީއެމްއޭ އިން ބުނީ، ރޯވި އަލިފާންގަނޑު މިހާރު ވަނީ މުޅިން ނިއްވާލާފައި ކަމަށެވެ. އަދި އަލިފާން އަލުން ރޯވިޔަ ނުދިނުމަށްޓަކައި ފިނިކުރުމުގެ މަސައްކަތްތަކާއި ސަލާމަތީ ކަންކަން ފަޔަރ އެންޑް ރެސްކިއު ސަރވިސަސްއިން މިހާރު ދަނީ ބަލަހައްޓަމުން ކަމުގައި ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ އެސަރަޙައްދުގައި ހުރި ގޭބިސީތަކަށް ދިމާވެފައިވާ ކުއްލި ނުރައްކާ ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ހެނދުނު 11:58 ގައި ކަމަށެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި، މި ހާދިސާއާ ގުޅިގެން ޖުމްލަ 18 ފަރާތަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުކުރެވިފައިވެއެވެ. މީގެ ތެރޭގައި 16 ޢާންމު ރައްޔިތުންނާއި، 1 ފަޔަރ ފައިޓަރ އަދި 1 ހޮސްޕިޓަލްގެ މުވައްޒަފެއް ވެސް ހިމެނެއެވެ. ނަމަވެސް، ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ރިޕޯޓުކޮށްފައެއް ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
މިވަގުތު 4 ފަރާތަކަށް ށ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އަނިޔާވި ފަރާތްތަކުގެ އަދަދުތަކާއި، އަސަރުކުރި ގޭބިސީތަކާއި، ހުސްކުރެވުނު މީހުންގެ ތަފްސީލުތަކާއި، ގެއްލުންތަކުގެ ތަފްސީލުތައް، ހާލަތު ބަދަލުވަމުންދާ ވަރަކަށް ބަދަލުވުން އެކަށީގެންވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
މި އަލިފާނުގެ ހާދިސާގައި 5 ގޭބިސީއަކަށް އަސަރުކޮށްފައިވާއިރު، ޖުމްލަ 33 ރައްޔިތުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެހެން ތަންތަނަށް ބަދަލުކޮށްފައެވެ.
އަލިފާން ނިވުމުގެ މަސައްކަތުގައި އެމް.އެން.ޑީ.އެފް ނޮދަރން އޭރިއާ ކޮމާންޑް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެން.އޭ.ސީ-އެފް.އާރ.އެސް)، ފުނަދޫ އެއާޕޯޓް ފަޔަރ އެންޑް ރެސްކިޔު ޓީމް، މޯލްޑިވްސް ޕޮލިސް ސަރވިސް (އެމް.ޕީ.އެސް)، ފުނަދޫ ކައުންސިލް އަދި ފުނަދޫ ސްކޫލް ކެޑޭޓުން ހަރަކާތްތެރިވެފައިވެއެވެ.



