ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ޕާކިސްތާނުގެ ފަސް ޔުނިވަރސިޓީއަކާއެކު ތަޢުލީމީ ދާއިރާއިން ގުޅުން ހަރުދަނާ ކުރުމަށްޓަކައި ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުން އިސްލާމްއާބާދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމެވެ. މީގެ އިތުރުން ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި، އެހެނިހެން އިސްބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެމްއެންޔޫއާއެކު އެއްބަސްވުން އެކުލަވާލި ޕާކިސްތާނުގެ ޔުނިވަރސިޓީތަކަކީ:
- ނޭޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (ނަސްޓް)
- ޔުނިވަރސިޓީ އޮފް ވަހް
- ގަވަރމެންޓް ކޮލެޖު ޔުނިވަރސިޓީ ލަހޯރު
- ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު
- ޕީރް މެހެރް އަލީ ޝާޙް އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީ
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަނުގެ ޗެއަރޕާސަން ޕްރޮފެސަރ ޑރ. ނިއާޒު އަޙްމަދު އަޚްތަރު ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ތަޢުލީމީ ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިރާސާ ކުރުމުގެ ރޮނގުންނާއި، ފެކަލްޓީ އަދި ދަރިވަރުންގެ އެކްސްޗޭންޖު ޕްރޮގްރާމްތަކާއި، ކޮންފަރެންސްތަކާއި ސެމިނާތައް ގުޅިގެން ބޭއްވުމުގެ އިތުރުން ޖޮއިންޓް އަދި ޑުއަލް ޑިގްރީ ޕްރޮގްރާމުތައް ހިންގުމާ ގުޅޭގޮތުން އޭނާ ވާހަކަދެއްކެވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒު އާދަމް ދެއްކެވި ވާހަކަފުޅުގައި، އެ ޔުނިވަރސިޓީތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޚާއްސަ އެއްވުމެއް ބޭއްވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ހެއްކެއް ކަމަށް ވިދާޅުވިއެވެ.
އަދި ދެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ގުޅުން ހަރުދަނާ ކުރުމަށް ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވުމުގެ އިތުރުން، އެމްއެންޔޫއާއި ޕާކިސްތާނުގެ މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ސަބަބުން އެމްއެންޔޫގެ ޕްރޮގްރާމްތަކަށާއި ދިރާސީ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިއީ އެމްއެންޔޫގެ 2026-2030ގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ވެވުނު އެއްބަސްވުންތަކެކެވެ. މި އެއްބަސްވުންތަކުގެ ދަށުން އެކި ދާއިރާތަކުން ތަމްރީނާއި ތަޢުލީމު ބަދަލުކުރެވި، ޔުނިވަރސިޓީގެ ދަރިވަރުންނާއި، ލެކްޗަރާއިންނާއި ދިރާސާވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި އޭގެ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތު ދެއްވައެވެ.



