ރަސްމާލެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް ގެންދަވާނީ ސައްތައިން ސައްތަ ދިވެހިން އެދޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، އެ މަޝްރޫޢާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ”މޯލްޑިވްސް މެރީނާ އެންޑް ވޯޓާފްރޮންޓް“ މަޝްރޫޢު ހުއްޓާލުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވަފާނެ ކަމަށް ބުނެއެވެ. ނަމަވެސް، އެއީ ޔަހޫދީން ނުވަތަ އެ ނޫން ވެސް ބަޔަކު ވަޒަންވެރި ކުރުވަން ހިންގާ މަޝްރޫޢެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ސަރުކާރުގެ އިސް ވެރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވަމުން ގެންދަވާ ކުރީގެ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ރައްޔިތުންނަށް ނުބައި ނުލަފާ ހަރުކަށި ވިސްނުން ވިސްނައިދެއްވަން ޢިމްރާން މަސައްކަތް ނުކުރެއްވުމަށެވެ.
”މިއީ ތިބޭޅާ ކެބިނެޓުގައި އިންނަވައިގެން ރައީސް ސޯލިހް ދިވެހި މަސްކަނޑު ކަނޑު ވިއްކާލި ގޮތަށް ކުރަން އުޅޭ ކަމެއް ނޫން،“ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވަނީ ރައްޔިތުން ރައީސް ޑރ. މުޢިއްޒަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މި މަޝްރޫޢު ކުރިއަށްދާނީ ދިވެހިންގެ ފުރިހަމަ ސިޔާދަތީ ބާރު އޮންނާނެހެން ކަމަށާއި މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ ގޮތަށް ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.



