ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު، އިންޑިއާގެ ކްރޫޒްލައިނާއެއް ކަމަށްވާ ”ކޯޑީލިއާ ކްރޫޒް“ މިއަދު ރާއްޖެއަށް ބަނދަރުކޮށްފިއެވެ.
މި އުޅަނދުން ޖުމްލަ 1،473 ފަތުރުވެރިންނާއި 613 ކްރޫއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނިގޮތުގައި، ރާއްޖެއަށް މިއަދު އައިސްފައިވަނީ އެ ކުންފުނީގެ ދެ ކްރޫޒްލައިނާގެ ތެރެއިން ”ކޯޑީލިއާ އެމްޕްރެސް“ އެވެ. އެ ކުންފުނީގެ ދެވަނަ އުޅަނދަކީ ”ކޯޑީލިއާ ސްކައި“ އެވެ. މި އުޅަނދު ބަނދަރުކުރުމާ ގުޅިގެން އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގް ވަނީ އުޅަނދަށް ޒިޔާރަތްކުރައްވައިފައެވެ.
ކޯޑީލިއާ ކްރޫޒްގެ މައިގަނޑު މަންޒިލްތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ސްރީލަންކާ އަދި އިންޑިއާގެ އެކި ސިޓީތައް ހިމެނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކްރޫޒްލައިނާތަކުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އެ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ކްރޫޒްލައިނާތަކުގައި 15،000 އަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.




