ރަސްމާލޭގައި އޫރު މަހެއް ކެސީނޯއެއް ނުހުންނާނެ ކަމަށާއި އެތަނުގައި ރަލެއް ވެސް ނުވިއްކޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ދެއްވައިފިއެވެ.
ރައީސް މި ޔަގީންކަން ދެއްވީ، ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުންޏާއެކު އެއްބަސްވުމާ ގުޅިގެން ބައެއް ފަރާތްތަކުން އުފައްދާފައިވާ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލަމުންނެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ”ނޭޝަން ޗެޓް“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމާލޭގެ އެއްބައިގައި ހިންގުމަށް ފުރުސަތު ހުޅުވާލާފައި އޮތް އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށާއި މިކަމުގައި ރައްޔިތުންނަށް އޮތީ ފައިދާ ކަމަށެވެ. އަދި ރަސްމާލެ ތަރައްގީ ކުރެވުމާއެކު، ރިސޯޓެއްގައި ކަންކަން ހުންނަ ފުޅާ މިނަށް ވުރެ ވެސް ކަންކަން ހަނިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ލިމިޓެޑް ވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މި ތަނުގައި ފަސް ވަގުތު ބަންގި ގޮވާނެ. މިސްކިތް ހުންނާނެ. ބޭރުގެ އެއްވެސް ފަރާތްތަކެއްގެ ކޮންޓްރޯލް ހިނގާ ގޮތަށް އަދި އެނޫން ގޮތަކަށް ވެސް ސުކޫލެއް، ތަޢުލީމީ މުއައްސަސާއެއް ނުހުންނާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެ ތަނަށް އަންނަ މީހުންގެ ތެރެއިން އެ ތަންތަން ގަންނަ މީހުންނާއި ”ހޮލިޑޭ ހޯމްސް ހަދާ“ މީހުންގެ ކުދިން ސްކޫލަށް ފޮނުވާ ނަމަ، ރާއްޖޭގައި ބޭރުމީހުންގެ ކުދިން ސުކޫލަށް ފޮނުވޭ މިންގަނޑަށް އަމަލު ކުރަން ވެސް ޖެހޭނެ ކަމަށެވެ.



