ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ތަރައްގީކުރަން ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓް ހާއްސަކުރަން ވިސްނަނީ ޒުވާނުންނާއި މަސައްކަތްތެރިންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޚިގެން ގެނެސްދޭ ”ނޭޝަން ޗެޓް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި އީގަލް ހިލްސް ކުންފުންޏަށް ދީގެން ހިންގަން ނިންމާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫއުގެ ތެރެއިން ހުޅުމާލޭގައި ދިވެހި އާއިލާތަކަށް ތިން ކޮޓަރީގެ 5،000 ފްލެޓް ބިނާކުރަން ވަނީ ނިންމައިފަ އެވެ.
އެއީ 400 މިލިއަނާއި 500 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މަޝްރޫއުއެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
އެ މަޝަރޫއުގެ ބައެއް ތަފްސީލުތައް ދެއްވަމުން ރައީސް ވިދާޅުވީ، 5،000 ހައުސިން ޔުނިޓްގެ މަޝްރޫއުއަށް އީގަލް ހިލްސްއިން ހަރަދުކުރަނީ ރަސްމާލެ މަޝްރޫއުގެ ފަސްޓް ސޭލްގެ ތެރެއިން ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ 10 ޕަސެންޓްގެ އާމްދަނީގެ ބައެއް އަޕްފްރޮންޓްކޮށް ކަމަށެވެ.
އެކަމަށް 500 މިލިއަން ޑޮލަރު އީގަލް ހިލްސްއިން ހަރަދުކޮށްދެނީ ސަރުކާރުން އެދުނު ގޮތަށް ހައުސިންއަށް ކަމަށާއި އަދި އެ ފައިސާ ރާއްޖޭގެ ރިޒާވްގައި ބަހައްޓަން އެދުނު ނަމަ، އެކަން ވެސް އެ ކުންފުނިން ކޮށްދިނީސް ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.




