އުމުރުން އެންމެ 3 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ މިދިޔަ އަހަރުގެ އޮގަސްޓު މަހު ކޮށްފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ / މުހައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.
ދައުވާގައި ވާގޮތުން މިދިޔަ އަހަރުގެ 25 ޖޫން އިން ފެށިގެން އެކި ދުވަސްމަތިން އެ ކުއްޖާއަށް ނާއިޝް ވަނީ ޖިންސީ ގޯނާކޮށްފައެވެ.
މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އޭނާގެ ކުށުގެ އަދަބަކަށް އިއްވީ ޖުމްލަ 20 އަހަރުގެ ޖަލު އަދަބެކެވެ. އަދި ބަންދުގައި ހޭދަކުރި މުއްދަތު ކެނޑުމުން ތަންފީޒުކުރަންޖެހޭ އަދަބަކީ 18 އަހަރާއި ހަތް މަހާއި 28 ދުވަހުގެ ޖަލު އަދަބެކެވެ.



