މަސްތުވާތަކެތިން ޒުވާނުން ސަލާމަތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީގެން، ރާއްޖޭގެ އިތުރު ތިން ސަރަހައްދެއްގައި ރިހެބިލިޓޭޝަން ސެންޓަރު ގާއިމުކުރަން ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ދައުލަތުގެ ޚަރަދުތަކަށް ހޭދަވާނެކަމަށް އަންދާޒާކޮށް ބަޖެޓު ހުށަހަޅައިދެއްވަމުން މިނިސްޓަރު ޒަރީރު ވަނީ އިޖްތިމާޢީ ގޮތުން ދިމާވެފައިވާ މައްސަލަތަކާއި، އިޖްތިމާޢީ ރައްކާތެރިކަމަށް ކުރަން ރާވާފައިވާ މަސައްކަތްތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން، މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތްކުރުމަށް ޚާއްޞަ އިސްކަމެއް މި ބަޖެޓުގައި ދީފައިވާނެކަމަށެވެ.
އެހެންކަމުން މިހާރު ހުރި ރިހެބިލިޓޭޝަން ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އިތުރު ތިން ސަރަޙައްދެއްގައި ޒަމާނީ ފެންވަރުގެ ރިހެބިލިޓޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް ބަޖެޓުގައި ވަނީ ހިމަނާފައެވެ.
”މީގެ ސަބަބުން، މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަލުން އަނބުރާ ތަޢުލީމާއި، ވަޒީފާ އަދި ޢާއިލީ ދިރިއުޅުމުގެ ތެރެއަށް ގެނައުމަށް، މި ސެންޓަރުތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭނެ.“ ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.



