އީރާނަށް އަމާޒުކޮށް އަލުން ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށްޓަކައި ވާންޖެހޭ އެންމެހައި ދިފާއީ އަދި ހަމަލާދިނުމުގެ ތައްޔާރީތައް އިސްރާއީލުގެ އަސްކަރިއްޔާއިން ފުރިހަމަކޮށްފިއެވެ.
މި ތައްޔާރީތަކާ އެކު، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމާ ގުޅޭ ޕްލޭންތައް އެމެރިކާގެ އަސްކަރީ ކޮމާންޑުގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕަރ މިހާރު ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ހިއްސާކުރައްވާފައެވެ.
އިސްރާއީލުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ ތައްޔާރީތަކުގެ ތެރޭގައި ހިމެނިގެން އިސްރާއީލުގެ ވައިގެ ސިފައިން ވަނީ އީރާނުގެ ސަރަހައްދީ ރޮނގާ ކައިރި ހިސާބުތަކުގައި ދުރު ރާސްތާގެ އަސްކަރީ ވައިގެ ތަމްރީނުތަކެއް ވެސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. އަދި މި އޮޕަރޭޝަންތަކަށް އެހީތެރިވުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ މުދާ އުފުލާ 10 މަތިންދާބޯޓު މެދުވެރިކޮށް، ބޭނުންވާ މުހިންމު އަސްކަރީ ސާމާނު އިސްރާއީލަށް މިހާރު ވަނީ ފޯރުކޮށްދީފައެވެ.
ހަމަލާތައް ދިނުމުގެ އަސްކަރީ ތައްޔާރީތައް ނިމިފައިވީ ނަމަވެސް، ޚާރިޖީ ފެންވަރުގައި މަޝްވަރާތައް އަދިވެސް ކުރިއަށްދާތީ، ހަމަލާ ދިނުމާ މެދު އެންމެ ފަހުގެ ނިންމުމެއް ނިންމުން އޮތީ އެމެރިކާގެ އަތްމަތީގައެވެ. ހަމަލާތައް ފެށުމާ ގުޅޭގޮތުން އެމެރިކާ ސަރުކާރުން އަދި ވަކި ސާފު ސިޔާސަތެއް ކަނޑައަޅާފައި ނުވާއިރު، މިކަމުގެ ސަބަބުން މުޅި މެދުއިރުމައްޗަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.
ޚާއްޞަކޮށް ޙިޒްބުﷲ ފަދަ ސަރަހައްދީ ޖަމާއަތްތައް މި ކުރިމަތިލުމުގެ ތެރެއަށް ވަދެ، މަސްރަޙު އިތުރަށް ގޯސްވެދާނެ ކަމުގެ ކަންބޮޑުވުން ބައިނަލްއަޤްވާމީ ފަރާތްތަކުން ފާޅުކުރަމުންދެއެވެ.
މި ހާލަތުގައި، މަސްރަޙު ފިނިކުރުމަށާއި ސުލްހަ ގާއިމުކުރުމަށް ބާރުއެޅުމުގެ ގޮތުން، ޤަޠަރު މެދުވެރިވެގެން ކުރިއަށްގެންދާ ނުސީދާ މަޝްވަރާތައް ވެސް ދަނީ ހިނގަމުންނެވެ.




