މިސްކިތަށް ގެއްލުންދީގެން ހައްޔަރުކުރި ގ. މާލެހިޔާ 2 02-13 / ނައުޝާދު މޫސާ، އޭނާއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމުން ދޫކޮށްލައިފިއެވެ.
އުމުރުން 32 އަހަރުގެ ނައުޝާދު ހައްޔަރުކުރީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލެއް ހިންގައި، އެ ތަނުގެ ތެރެއަށް ގަޟާހާޖާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު އެވެ. އޭރު އޭނާގެ ބަންދަށް ދިން 15 ދުވަހުގެ މުއްދަތު ހަމަވެ ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ނަމަވެސް އޭނާ ދޫކޮށްލުމުން، ފުރްޤާން މިސްކިތުގައި ނިދާފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް އަނެއްކާވެސް މިއަދު ވަނީ އާންމުވެފައެވެ.
އެ މައްސަލާގައި ފުލުހުން ބުނީ މިސްކިތަށް ގެއްލުންދިން މައްސަލާގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މި މަހުގެ އެއް ވަނަ ދުވަހު ކަމަށެވެ.
އެކަމަކު އެ މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ ބަންދުގައި އެއް މަހާއި 21 ދުވަހުގެ މުއްދަތެއް ހޭދަކޮށްފައިވާތީ އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެހެންވެ، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރު ވެސް ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވާ ކަމަށެވެ.



