ޣައްޒާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 70،000 އަށް ވުރެ ގިނަ ފޭލިގޭގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެ އެވެ.
އެހީދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، މި ވިއްސާރައިގެ ސަބަބުން ހަނގުރާމައިގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިހުނަށް ވުރެ ވެސް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ޣައްޒާގެ ސަރުކާރު މީޑިއާ އޮފީހުން ހާމަކުރި ގޮތުގައި، 12 ގަޑިއިރު މެދުކެނޑުމެއް ނެތި ވެހުނު ބޯ ވާރޭގެ ސަބަބުން ގިނަ އަދަދެއްގެ ފޭލިގެތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ފެނުއަޑިއަށް ގޮސްފައެވެ. ބައެއް ކޭމްޕުތަކުގައި 40 ސެންޓިމީޓަރަށް ފެންބޮޑުވެފައިވާއިރު، ގޮދަޑިތަކާއި އަންނައުނާއި ރަޖާތައް ތެމި، ފިނިން ރައްކާތެރިވެވޭނެ އެއްވެސް މަގެއް ނެތް ކަމަށް އެ އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ކުރިން ދީފައިވާ ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބި ރެނދުލާފައި ހުރި ބައެއް އިމާރާތްތަކުގެ ފާރުތަކާއި ފުރާޅުތައް ވެއްޓި ބައެއް މީހުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ. މޫސުން ގޯސްވެ ކަނޑުގެ ރާޅުތައް ބޮޑުވުމާއި ފެންބޮޑުވުމުގެ ސަބަބުން ޣައްޒާ ސިޓީގެ އައްސޭރިފަށުގެ ސަރަހައްދުތަކުން އެތައް ސަތޭކަ އާއިލާއެއް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ވަނީ މަޖުބޫރުވެފަ އެވެ.
ޣައްޒާގެ ސިވިލް ޑިފެންސް ސާވިސް އިން ބުނި ގޮތުގައި، ރޭގެ ވަގުތުތަކުގައި އެހީތެރިކަމަށް އެދި 1،500 އަށް ވުރެ ގިނަ ކޯލް ލިބުނު ނަމަވެސް، މަސައްކަތް ކުރުމަށް ބޭނުންވާ އެކަށީގެންވާ ވަސީލަތެއް އެ އިދާރާގައި ނެތެވެ. ތެލުގެ ދަތިކަމުގެ އިތުރުން، ފެން ހިންދާ ޕަމްޕުތަކާއި ބުލްޑޯޒަރު ފަދަ ހެވީ މެޝިނަރީތައް ހަލާކުވެފައިވުމުން މަގުތައް ސާފުކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.
އދ.ގެ ޝެލްޓާ ކްލަސްޓާގެ ރިޕޯޓްތައް ދައްކާ ގޮތުގައި، ފިނިމޫސުމާ ކުރިމަތިލާއިރު ޣައްޒާއަށް ކޮންމެހެން ބޭނުންވާ ސާމާނުގެ ދަތިކަން އިންތިހާއަށް ވަނީ ބޮޑުވެފައެވެ. މި ހާލަތުގައި 121،000 ފޭލިގެ އާއި، 561،000 ސަތަރީގެ އިތުރުން 1.7 މިލިއަން ގޮދަޑި ވަގުތުން ބޭނުންވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. އަދި ސަރަހައްދީ އިދާރާތަކުން ބުނާ ގޮތުގައި މި ނާޒުކު ހާލަތުން އަރައިގަތުމަށް މަދުވެގެން 200،000 ޕްރީފެބްރިކޭޓަޑް ގެ ބޭނުންވެއެވެ.
ޣައްޒާގެ ކަމާބެހޭ މަސްއޫލުވެރިން ތުހުމަތުކުރާ ގޮތުގައި، މި ދަނޑިވަޅުގައި ވެސް އިޒްރޭލުން ދަނީ ވަގުތީ ގެދޮރު އެޅުމަށް ބޭނުންވާ ލަކުޑި އާއި ޕްރީފެބްރިކޭޓަޑް ކޮޓަރިތަކުގެ އިތުރުން އިންޖީނުތަކަށް ބޭނުންވާ ކެމިކަލް ފަދަ ޒަރޫރީ ސާމާނު ޣައްޒާއަށް އެތެރެކުރުމަށް ހުރަސްއަޅަމުންނެވެ.




