ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުން އަންނަ ވިއްސާރަ ކުރިއަށް އޮތް ދިގު ޗުއްޓީއަށް އަލިވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
ޖުމްހޫރީ ދުވަހަށް ވުމުން އަންނަ ބުދަ ދުވަސް ބަންދެވެ. އަދި އެ ދުވަހާ ގުޅުވައިގެން ބުރާސްފަތި ދުވަސް ވެސް ބަންދުކުރަން ވަނީ ނިންމާފަ އެވެ. އެހެންވެ، ހަފުތާ ބަންދާއެކު، ހަތަރު ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭތީ މިހާރުވެސް ބައެއް މީހުން ދަނީ އެކި ތަންތަނަށް ދަތުރުކުރަމުންނެވެ.
އިއްޔެއިން ފެށިގެން މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކޮށްފައިވާއިރު، އެންމެ ގަދަޔަށް ވިއްސާރަ ކޮށްފައިވަނީ ދެކުނާއި މެދުރާއްޖެތެރެއަށެވެ.
އެގޮތުން ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ހިސާބުތަކަށް މެދުނުކެނޑި ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ވަނީ ފެންބޮޑުވެފައެވެ.
މެޓު އޮފީހުން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑއިިރު ވެސް މޫސުން އޮތީ ގޯސްކޮށެވެ. އަދި މާދަމާ އެއަށް ވުރެ ގަދަވާނެ ކަމަށް ބުންޏެވެ.
”އެކަމަކު ބުދަ ދުވަހުން ފެށިގެން ވިއްސާރަ އަލިކޮށްލާނެ ކަމަށް ބެލެވޭ،“ މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.



