ލ. ގަމުގެ އެއްވެސް ސަރަހައްދަކުން ރުއްގަސް ނަގައި، ރަށުން ބޭރުކުރެވޭނީ ކައުންސިލްގެ ލިއުމުން ލިބޭ ހުއްދައަކާ އެކު ކަމަށް ކަނޑައަޅައި، އެ ރަށުން ރުއްގަސް ނެގުމާއި ބޭރުކުރުމުގެ އުސޫލެއް މިއަދު އާންމުކޮށްފިއެވެ.
އެގޮތުން މި އުސޫލުގެ ދަށުން ވިޔަފާރި ބޭނުމަށް ރަށުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ދައްކަން ޖެހޭނެއެވެ.
ކައުންސިލުން އާންމުކުރި އުސޫލުގައިވާ ގޮތުން، ގަމުގެ ގޮނޑުދޮށާވީ ހޭޅިފަށުގައި ހުންނަ ރުއްގަހާއި، ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ އިތުރުން، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި އެ ސަރަހައްދެއްގެ ވަށައިގެންވާ 20 މީޓަރުގެ ތެރެއިން ރުއްގަސް ނެގުމަކީ މަނާ ކަމެކެވެ. ނަމަވެސް، އިމާރާތަކަށް ނުވަތަ އަވަށްޓެރި ގޭބިސީއަކަށް ގެއްލުންވާ ފަދަ ގޮތަކަށް ހުންނަ ގަސްގަހުގެ ގޮފިތަކާއި މޫތައް ކައުންސިލްގެ ހުއްދައާއެކު ކޮށައި ބެލެހެއްޓިދާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ރުއްގަސް ބޭރުކުރުމުގެ ފީތަކަށް ބަލާއިރު، ހުށަހަޅާ ކޮންމެ ފޯމަކަށް 50 ރުފިޔާ، އަދި ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހުންނަ ނަމަ 25 ރުފިޔާ ނަގާނެއެވެ.
މީގެ އިތުރުން، އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް 5 ރުފިޔާ އަދި ދަރުގެ ގޮތުގައި ބޭނުންކުރަން ކަނޑާ ކޮންމެ ގަހަކަށް 10 ރުފިޔާގެ ފީއެއް ނެގުމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.
މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި 50 އަށް ވުރެ ގިނަ ރުއް ނަގާ ނަމަ ނުވަތަ 4،000 އަކަފޫޓަށް ވުރެ ބޮޑު ސަރަހައްދެއް ސާފުކުރާ ނަމަ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)އަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ރަށުން ނަގާ ކޮންމެ ރުކަކަށް ނުވަތަ ގަހަކަށް، ބަދަލުގައި ދެ ރުއް ނުވަތަ ދެ ގަސް އިންދަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.



