ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މަންހަޓަން ގްރޭންޑް ހޮޓާ ހަގީގަތަކަށްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާމެދު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރުގެ ސަބަބުން ކަމަށް އެ ހޮޓަލުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޢީމް ވިދާޅުވެއްޖެއެވެ.
ނަޢީމް މިހެން ވިދާޅުވީ، އެތައް އަހަރެއް ވަންދެން މަސައްކަތް ކުރިއަށް ނުގޮސް ވީރާނާވާން ދޫކޮށްލާފައި ހުރި އެ އިމާރާތް ތަރައްގީކުރުމަށް ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އެގޮތުން، އެސްޓީއޯއިން ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ފެށި މި އިމާރާތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމުން، އެތަން ނިންމުމުގެ މުހިންމުކަން ފާހަގަކޮށް، މަސައްކަތް ވޯލްޑް ބިޒްނަސްއާ ހަވާލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވި ކަމަށާއި، އެމަނިކުފާނު އެކަން ބަލައިގަނެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމުގެ އުއްމީދު ދެއްވި ކަމަށް ނަޢީމް ވިދާޅުވިއެވެ.
އިބްރާހިމް ނަޢީމް ފާހަގަކުރެއްވި ގޮތުގައި، އިމާރާތް ވީރާނާވާން ދޫނުކުރައްވައި އެ މަސައްކަތް ހަވާލުކުރެއްވުމަކީ ރައީސްގެ ތަސައްވުރާއި ޤައުމުދެކެ ލޯބިވެވަޑައިގަންނަވާ މިންވަރު ހާމަވާ ކަމެކެވެ.
”އަޅުގަނޑު ވަރަށް އުފާވި އަޅުގަނޑު ނުދަންނަ ބޭފުޅެއް. އަޅުގަނޑު އެއްގޮތަކަށްވެސް އެޕްރޯޗު ނުކުރާ ބޭފުޅެއް މިކަހަލަ މުހިންމު ނިންމުމެއް ނިންމެވީމަ އަޅުގަނޑަށް ގަބޫލުކުރެވިއްޖެ ޤައުމުދެކެ ލޯބިވާ ވެރިޔެކޭ އެއީ،“ ނަޢީމް ވިދާޅުވިއެވެ.
މީގެ އިތުރުން ނަޢީމް ވިދާޅުވީ، ވޯލްޑް ބިޒްނަސްއިން އެ މަޝްރޫއާ ހަވާލުވިއިރު އިމާރާތް ހުރީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި، އެހެންކަމުން ބޮޑެތި މަރާމާތުތަކެއް ކުރަންޖެހުނު ކަމަށެވެ. އެހެންނަމަވެސް އެ މަޝްރޫއާ ހަވާލުވީ ޤައުމަށާއި ރައްޔިތުންނަށް އެތަނުން ފައިދާތަކެއް ހޯދައިދިނުމުގެ މަގުސޫދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަންހަޓަން ގްރޭންޑް ހޮޓަލަކީ އެސްޓީއޯއަށް ޑޮލަރުގެ އާމްދަނީ ހޯދުމަށް 2007 ވަނަ އަހަރު ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ފެށި އިމާރާތެކެވެ.
ނަމަވެސް އެ މަސައްކަތް ހުއްޓިފައި އޮންނަތާ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމުގެ މަތިން އެޗްޑީސީން ވަނީ އެސްޓީއޯއަށް ޚަރަދުގެ ބަދަލު ދިނުމަށްފަހު، މިދިޔަ އަހަރު އަމިއްލަ ފަރާތަކާ ހަވާލުކޮށްގެން ސިޓީ ހޮޓަލެއްގެ ގޮތުގައި އެތަން ތަރައްގީކުރަން ފަށާފައެވެ.


