ރަސްމާލޭ ފަދަ ރިއަލް އެސްޓޭޓް ތަންތަނުގައި ބަނގުރަލާއި އޫރުމަސް އެތެރެ ނުކުރެވޭނެ ގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލުގައި މިއަދު ހިމަނައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަހުމަދު އައިފާނެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރައްޖޭގެ ރިއަލް އެސްޓޭޓް ތަރައްގީ ކުރުމުގެ ދާއިރާއަށް ހާއްސަކޮށް އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ އިދާރާއެއް އުފައްދައި، ރިއަލް އެސްޓޭޓްގެ ގޮތުގައި ވިއްކާ ބިންބިމާއި އިމާރާތްތަކުގެ ޔުނިޓުތަކުގެ ދަފްތަރެއް ގާއިމުކޮށް، ޑިވެލޮޕަރުންނާއި ބްރޯކަރުންނާއި އޭޖެންޓުންނާއި ވެލުއަރުންނަށް ލައިސަންސް ދިނުމުގެ ނިޒާމެއް ހަމަޖައްސައި އިމާރާތްކޮށް ނުނިމެނީސް ޔުނިޓު ގަންނަން ދައްކާ ފައިސާއަށް ގާނޫނީ ރައްކާތެރިކަން، މި ގާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ބިލު މިހާރު ހުށަހަޅާފައިވާއިރު، ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބޮޑު މަޝްރޫއު ނިމި، ހިދުމަތަށް ގެނެވުނަސް އެތަނުގައި ރަލެއް ނުވިއްކާނެ ކަމަށާއި އޫރު މަހާއި ކެސީނޯ ވެސް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ވިދާޅުވެފައެވެ.
ރިއަލް އެސްޓޭޓް ބިލުގައި ހިމަނާފައިވާ މުހިންމު މާއްދާތައް:
° 77 ވަނަ މާއްދާގެ (ރ): މި މާއްދާގެ ދަށުން ކަނޑައަޅާ ޒޯނުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުންކުރުމަށް ހުއްދަ ލިބިގެންނުވެއެވެ.
° 78 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދެއް މި ޤާނޫނުގައިވާ ގޮތުގެމަތިން މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 (ނުވަދިހަ ނުވައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
° 81 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ތެރޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތަކީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ކަމުގައި ބެލެވޭނެއެވެ. އަދި އެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ، އެ ޤާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓުގައެވެ.
° 89 ވަނަ މާއްދާގެ (މ): އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަރޓީއެއް މި މާއްދާގައިވާ ގޮތުގެމަތިން ގަތުމަކުން، އެ ޕްރޮޕަރޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަށްވުމުގެ އެއްވެސް ޙައްޤެއް ލިބިގެން ނުވެއެވެ.
° 93 ވަނަ މާއްދާގެ (ށ): މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރާއިލް ރައްޔިތުންނަށް، ނުވަތަ އިޒްރާއިލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ޤާނޫނީ ޝަޚްޞަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ ޕްރޮޕަރޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެއެވެ. އަދި، ޒޯނެއްގައިވާ ބިމެއް ސަބްލީސް ނުކުރެވޭނެއެވެ.



