ރަސްމާލޭގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއުގެ ތެރެއިން، އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަޓީއެއް ބޭރުގެ އެއްވެސް ފަރާތަކުން ގަތުމަކުން، އެ ޕްރޮޕަޓީ ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަށްވުމުގެ އެއްވެސް ޙައްޤެއް ލިބިގެން ނުވާ ކަމަށް، ރަސްމާލެ މަޝްރޫއު ކުރިއަށްގެންދަން އެކުލަވާލި ރެއަލް އެސްޓޭޓް ބިލުގައި މިއަދު ކަނޑައަޅައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަހުމަދު އައިފާނެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރައްޖޭގެ ރިއަލް އެސްޓޭޓް ތަރައްގީ ކުރުމުގެ ދާއިރާއަށް ހާއްސަކޮށް އެކުލަވާލެވޭ ފުރަތަމަ ގާނޫނެވެ.
ރިއަލް އެސްޓޭޓް ވިޔަފާރި ރެގިއުލޭޓް ކުރުމަށްޓަކައި ހާއްސަ އިދާރާއެއް އުފައްދައި، ރިއަލް އެސްޓޭޓްގެ ގޮތުގައި ވިއްކާ ބިންބިމާއި އިމާރާތްތަކުގެ ޔުނިޓުތަކުގެ ދަފްތަރެއް ގާއިމުކޮށް، ޑިވެލޮޕަރުންނާއި ބްރޯކަރުންނާއި އޭޖެންޓުންނާއި ވެލުއަރުންނަށް ލައިސަންސް ދިނުމުގެ ނިޒާމެއް ހަމަޖައްސައި އިމާރާތްކޮށް ނުނިމެނީސް ޔުނިޓު ގަންނަން ދައްކާ ފައިސާއަށް ގާނޫނީ ރައްކާތެރިކަން، މި ގާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ 21 ގައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.
ރިއަލް އެސްޓޭޓް ބިލުގައި ހިމަނާފައިވާ މުހިންމު މާއްދާތައް:
° 77 ވަނަ މާއްދާގެ (ރ): މި މާއްދާގެ ދަށުން ކަނޑައަޅާ ޒޯނުގައި ތަރައްޤީކުރާ ތަންތަނަށް އަދި އެތަނުގައި ހިންގާ ވިޔަފާރިތަކަށް ނުވަތަ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް، ބަނގުރަލާއި، ބަނގުރާ އެކުލެވޭ ތަކެއްޗާއި، އޫރުމަހާއި، އޫރުމަސް އެކުލެވޭ ތަކެއްޗާއި، އޫރުމަހުން އުފައްދާ ތަކެތި އިމްޕޯޓްކުރުމަށް ނުވަތަ ވިއްކުމަށް ނުވަތަ ބޭނުންކުރުމަށް ހުއްދަ ލިބިގެންނުވެއެވެ.
° 78 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅާ ސަރަޙައްދެއް މި ޤާނޫނުގައިވާ ގޮތުގެމަތިން މާސްޓަރ ޑިވެލޮޕަރަކަށް ކުއްޔަށް ދެވޭނީ ގިނަވެގެން 99 (ނުވަދިހަ ނުވައެއް) އަހަރު ދުވަހުގެ މުއްދަތަކަށެވެ.
° 81 ވަނަ މާއްދާގެ (ހ): އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ތެރޭގައި ހިންގާ އެންމެހައި ވިޔަފާރިތަކުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތަކީ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށްޓަކައި ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ކަމުގައި ބެލެވޭނެއެވެ. އަދި އެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާނީ، އެ ޤާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޓެކްސް ނަގާ ރޭޓުގައެވެ.
° 89 ވަނަ މާއްދާގެ (މ): އިންޓެގްރޭޓަޑް ރިއަލް އެސްޓޭޓް ޒޯނެއްގައިވާ ޕްރޮޕަރޓީއެއް މި މާއްދާގައިވާ ގޮތުގެމަތިން ގަތުމަކުން، އެ ޕްރޮޕަރޓީއެއް ގަންނަ ފަރާތަކަށް ދިވެހިރާއްޖޭގެ ރައްޔިތަށްވުމުގެ އެއްވެސް ޙައްޤެއް ލިބިގެން ނުވެއެވެ.
° 93 ވަނަ މާއްދާގެ (ށ): މި ޤާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އިޒްރާއިލް ރައްޔިތުންނަށް، ނުވަތަ އިޒްރާއިލް ރައްޔިތުންގެ މިލްކުވެރިކަން ނުވަތަ ހިއްސާއެއް ސީދާކޮށް ނުވަތަ ނުސީދާކޮށް އޮންނަ ޤާނޫނީ ޝަޚްޞަކަށް ނުވަތަ އެފަދަ ފަރާތެއްގެ ފައިދާއަށް، ޒޯނުގައިވާ ޕްރޮޕަރޓީއެއްގެ ލީސްހޯލްޑް ރައިޓްސް ނުވިއްކޭނެއެވެ. އަދި، ޒޯނެއްގައިވާ ބިމެއް ސަބްލީސް ނުކުރެވޭނެއެވެ.



