ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަން ބިލުގެ ދަށުން، ވަކި މުއްދަތެއް ނެތް ގޮތަށް އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރެވިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މިހާރުވެސް އިމިގްރޭޝަން ގާނޫނުގައި އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭނެ ކަމުގައި ބަޔާންކޮށްފައި އޮންނަ ކަމަށެވެ. އެއީ 7 އޮކްޓޯބަރު 2023 ގެ ހާދިސާއާ ގުޅިގެން އިޒްރޭލުން ޣައްޒާގައި ހިންގަމުންދިޔަ ޖަރީމާތައް ހުއްޓާލައި ހާލަތު ބަދަލުވަންދެން ގެނެސްފައި އޮތް އިސްލާހެއް ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިމިގްރޭޝަންގެ ބިލުގައި އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފައި އޮތީ ހާލަތަށް ރިއާޔަތްކުރުމެއް ނެތި މުތުލަގު ގޮތެއްގައި ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައި އޮތް ބިލު ފަރުމާކޮށްފައި ވަނީ އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެނުވެވޭނެ ގޮތަށެވެ.
”މިހާރުގެ ބިލުގައި އެ ހާލަތަށް ރިއާޔަތްނުކޮށް މުތުލަގަށް އަޅުގަނޑުމެން ބަޔާންކޮށްފައި އޮންނާނެ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެހެންވީމާ ވަރަށް ފާމްކޮށް ނޫނީ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިބަޔާންކުރަނީ އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ އެއްވެސް ފަރާތަކަށް ރާއްޖެއަށް ނާދެވޭނެކަމަށް. އެއީ ވަކި ކަމަކާ ގުޅުވައިގެންނެއް ނޫން،“ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އިސްރާއީލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ނަސްލު ނައްތައިލުމުގެ އަމަލުތަކަކީ އެއްގޮތަކަށްވެސް ރާއްޖެއިން ބަލައިގަންނާނެ ކަންތައްތަކެއް ނޫންކަމަށްވާތީ، ރާއްޖެއަށް އެގައުމުގެ މީހުންނަށް އެތެރެނުވެވޭ ގޮތަށް އޮތުމަކީ ދިވެހިން އެދޭނެ ގޮތް ކަމަށެވެ.




