ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބުދޭ ގޮތަށް ގާނޫނެއް ހެދުމަށް ބިލެއް ސަރުކާރުގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ތާވަލު ކޮށްފައިވަނީ މިއަދު މެންދުރުފަހު އޮންނަ މަޖިލީހުގެ ޖަލްސާގައެވެ. މި ބިލުގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމާއި އަދަބު ކަނޑައެޅުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ބަޔާންކުރުން ކަމުގައިވެއެވެ.
އެގޮތުން މި ބިލުގެ ދަށުން، މަރުގެ އަދަބު ކަނޑައަޅަންވާނީ ގާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެގެންނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި ލިބިގަތުމުގެ ހައްގު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިދީފައިވޭތޯ ކޯޓުން ކަށަވަރު ކުރަން ވާނެ ކަމާއި އެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައި ނުވާ ކަމަށް ކޯޓަށް ގަބޫލުކުރެވޭ ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށް ބިލުގައިވެއެވެ.
އަދި މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ހިންގައި ބެލެހެއްޓުމަށްޓަކައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ޕެނަލެއް އުފައްދަން ޖެހެއެވެ۔ މި ޕެނަލުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕްރޮސިކިއުޓަރުންގެ ތެރެއިން ޕީޖީ އައްޔަންކުރާ ބޭފުޅަކާއި ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅާ ފަރާތެއްގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ހިމެނެއެވެ. މި ޕެނަލުގެ ބައްދަލުވުންތަކުގެ ކޯރަމަކީ ހަތަރު މެންބަރުންނެވެ.


