ޕާކިސްތާން ސަރުކާރުގެ އެހީގައި ރާއްޖޭގައި އަޅާ ބައިނަލްއަގްވާމީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމް ގުޅިފަޅުގައި އަޅާ ގޮތަށް ސަރުކާރުން ނިންމައިފިއެވެ.
ރައީސް މުޢިއްޒު މިދިޔަ މަހު ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާ އެކު 20 އެމްއޯޔޫއެއްގައި ރާއްޖޭން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމަށް ސޮއި ކުރި އެއްބަސްވުމެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން އަޅާ ސްޓޭޑިއަމްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އެގޮތުން ރައީސް ވިދާޅުވީ މާލެ ސަރަހައްދުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމަށް ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ހަމަޖެހިފައިވާ ކަމަށެވެ.
މިކަމާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އޮންލައިން ނޫސް ”މިހާރު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކްރިކެޓް ސްޓޭޑިއަމް އެޅުމަށް ބޭނުންވާ ބިން ގުޅީފަޅުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.



