ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެ، އެ ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ވެގެން ފަރުވާ ދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ލޯންޗުގެ ކެޕްޓަނަށް އަނިޔާތަކެއް ލިބުނު ކަމުގެ މައުލޫމާތު މިއަދު ފަތިހު 05:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 ހާއިރުއެވެ. މި ހާދިސާ ހިނގިއިރު ލޯންޗުގައި ހުރީ ކެޕްޓަން އެކަންޏެވެ. އޭނާގެ ކަރާއި މޭމަތި ފިހިފައިވާއިރު، އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އަލިފާނުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވެއެވެ.
މި ހާދިސާ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




