ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ ”ކޫލް ސްކޫލް“ މަޝްރޫޢުގެ ދަށުން ކްލާސްތައް އޭސީ ކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ކުރިން ފެނަކައިން އެ މަސައްކަތް ކުރިއަށްގެންދިޔަނަމަވެސް މިހާރު އެ މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސްކޫލްތަކުގެ ކްލާސްރޫމްތައް ހޫނުގަދަވުމާއި ސްކޫލްތަކުގައި ހުރި މަައްސަލަތައް ބެއްލެވިއެވެ. ދަރިވަރުންނާއި މުދައްރިސުންގެ މި ކަންބޮޑުވުން އެމަނިކުފާނު އަމިއްލަފުޅަށް ފެނިވަޑައިގެން، ހުރިހާ ސްކޫލެއްގެ ކްލާސްރޫމްތައް އޭސީކޮށް ދަރިވަރުންނަށް ކިޔަވަން ފަސޭހަ ފިނި ތަނަކަށް ހެދުމަށް އެމަނިކުފާނު ނިންމެވިއެވެ.
ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމްގެ 10 ވަނަ އެޕިސޯޑުގައި ރޭގައި މިނިސްޓަރު ޝަފީޢު ވިދާޅުވީ ކޫލް ޝްކޫލް މަޝްރޫޢަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ޝައުގުވެރިކަން އޮތް މަޝްރޫޢެއް ކަމަށެވެ. ޝަފީޢު ވިދާޅުވީ މި މަޝްރޫޢު ކުރިއަށްގެންދިޔުމަށްޓަކައި ބައެއް ގޮންޖެހުންތަކެއްވެސް ހުރިކަމަށެވެ. ޚާއްސަކޮށް ބައެއް ރަށްރަށުގައި ކަރަންޓު ދަށްވުމުގެ ސަބަބުން އެ މަސައްކަތް ކުރަން އުނދަގޫކަން ފާހަގަކުރެއްވިއެވެ.
އެގޮތުން 40 ސްކޫލްގައި މި މަޝްރޫޢު ކުރިއަށްގެންދަން ދަތިތަކެއް ހުރިނަމަވެސް އެ ސްކޫކްތަކުގައިވެސް މި މަސައްކަތް ކުރިއަށްގެންދާނެކަމަށާއި މިއަހަރު ނިމެންވާއިރަށް ކްލާސްރޫމްތައް އޭސީކޮށް ނިންމާލާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”ސްޓޭލްކޯއިން ދީފައިވާ ޔަޤީންކަމަކީ މިއަހަރު ނިންމެންވާއިރަށް ހުރިހާ ސްކޫލްއެއްގައިވެސް ކްލާސްރޫމްތައް ނިންމާލެވޭނެކަމަށް، ދައުރު ނިމެންދެން މަޑުކުރާކަށް ނުޖެހޭނެ. އަންނަ ދިރާސީ އަހަރަށް ހުރިހާ ކުދިން ކިޔަވާނީ ފިނި ކްލާސްރޫމްގައި.“ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.



