ދައުލަތުން ހަރަދުކޮށްގެން ހިންގާ ހުރިހާ މަޝްރޫއުތަކެއް އޮޑިޓްކުރާ އުސޫލުން ރަސްމާލެ މަޝްރޫއު ވެސް އޮޑިޓްކުރާނެ ކަމަށް އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނިޔާޒީ ވިދާޅުވީ ބިންހިއްކުމުގެ މަަޝްރޫއުތަައް ފީޒިބަލްކޮށް ހިންގޭނީ ކޮމާޝަލް ބައެއް ހިމަނައިގެންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.
އެގޮތުން ބިންހިއްކާ އިރު ކޮމާޝަލް ބައެއް ނުހިމަނާ ނަމަ ހިއްކާ ބިންތައް ހުންނާނީ ބޭނުން ނުކުރެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.
ރަސްމާލޭގައި ރިއަލްއެސްޓޭޓް މަޝްރޫއެއް ހިންގަން ނިންމާފައިވަނީ ދާއިމީކޮށް އާމްދަނީ ލިބެމުންދާ ގޮތަށެވެ.
”އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ ކަމަކީ ކޮމާޝަލް ކޮމްޕޯނެންޓެއް ލައިގެންކަން މި މަޝްރޫއުތައް ފީސިބަލްކޮށް ހިންގޭނީ. އެހެންނޫނީ އަަޅުގަނޑުމެން މި ހިއްކާ ބިންތައް އަދިވެސް ހަމަ ހުންނާނީ ބޭނުން ނުކުރެވި، ރަންގަނޑެކޭ ހިލަގަނޑެކޭ ހަމަ އެއްވަރު ވާނީ،“ އޮޑިޓާ ޖެނެރަލް ނިޔާޒީ ވިދާޅުވިއެވެ.
މިދިޔަ 30 އަހަރުގެ ތެރޭގައި ދައުލަތުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް ދައުަލަތުން ޖުމްލަ 19 ބިލިއަން ރުފިޔާ ހަރަދުކުރި އިރު އެ ތަންތަނުގައި ކޮމާޝަަލް ބައެއް ހިމެނި ނަމަ އެ ފައިސާގެ 80 ޕަސެންޓް މިހާރު އޮތީހީ ލިބިފައި ކަމަށް ނިޔާޒީ ވިދާޅުވިއެވެ.



