ކުށްވެރިން ޖަލުން ދޫކޮށްލުމާއި ބަންދުން ލުއި ދިނުމާ މެދު ގޮތް ނިންމާ ޕެރޯލް ބޯޑު އަލުން އެކުލަވާލައިފިއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރައީސް އޮފީހުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުރިހާ މެމްބަރުން އައްޔަންކޮށް، ނުވަ މެމްބަރުންގެ ބޯޑު އަލުން އެކުލަވާލާފައިވާ ކަމަށެވެ.
ނަމަވެސް، އެ ބޯޑުގައި ތިބި މެމްބަރުންގެ ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.
ޕެރޯލްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑު ކުއްލިގޮތަކަށް މިދިޔަ މަހު އުވާލީ، އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަބްދުﷲ އިބްރާހީމް (އަބުޗާ) އަށް ގާނޫނާ ހިލާފަށް ޕެރޯލްގެ ފުރުސަތުދީ، ޖަލުން މިނިވަންކުރި މައްސަލަ ފެންމަތިވުމުންނެވެ.
އެ މައްސަލައިގައި ބޯޑު އުވާލައި އަބުޗާ ވެސް ވަނީ ޖަލަށް ގެންގޮސްފަ އެވެ.
ޕެރޯލް ބޯޑުގައި މެމްބަރުން ހިމެނޭ ދާއިރާތަކަކީ:
– ބަންޑާރަ ނައިބުގެ އޮފީސް
– ޕޮލިސް
– ކަރެކްޝަނަލް ސާވިސް
– އެޑިއުކޭޝަން މިނިސްޓްރީ
– ހެލްތު މިނިސްޓްރީ
– އިސްލާމިކް މިނިސްޓްރީ




