ވިލިމާލެ ފަޅުގައި، ފައިސާ ނުދައްކައި ބޭނުންކުރަމުންދާ ފައްތިޔާތަކެއްގައި ވީރާނާވާން ދޫކޮށްލާފައިވާ އުޅަނދުތަކެއް ނަގައި ނައްތާލުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލަށް ދީ، އެ ފައްތިޔާތަކަށް ދައްކަންޖެހޭ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި 75،446 ރުފިޔާ އެ ކައުންސިލަށް ދެއްކުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލާގައި މާލެ ސިޓީ ކައުންސިލުން ކޯޓަށް ދިޔައީ، ސީޝަޓެލް މޯލްޑިވްސް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކުން އެ ކައުންސިލާ އެކު ވެފައިވާ ފައްތިޔާ ކުއްޔަށް ހިފުމާއި ދޫކުރުމުގެ އެއްބަސްވުމާ އެއްގޮތަށް، ވިލިމާލެ ފަޅުތެރޭގައި އަޅާފައިވާ ފައްތިޔާތަކަށް ފައިސާ ދައްކަމުންނުދާތީ، އެއްބަސްވުން ބާތިލުކޮށް، އެތާ އަޅާފައިވާ އުޅަނދުތައް ނަގަން އެންގުމުން ވެސް އެ އުޅަނދުތައް އެތަނުން ނުނަގައި ވީރާނާވުމަށް ދޫކޮށްލާފައިވާތީ އެވެ.
ކައުންސިލާ އެކު ސީޝެޓެލް ކުންފުނިން އެ އެއްބަސްވުމުގައި ސޮއިކުރީ 20 އޮގަސްޓް 2023 ގައެވެ. އެގޮތުން އެއް އަހަރުދުވަހުގެ މުއްދަތަށް ތިން އެއްބަސްވުމެއް މި ދެމެދުގައި ވެފައިވެއެވެ.
އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކަމުންނުދާތީ، އެ އެއްބަސްވުންތައް ބާތިލުކުރިކަން ފުރަތަމަ ސީޝެޓެލްއަށް އެންގީ 21 ޖެނުއަރީ 2024 ގައެވެ. އަދި މިދިޔަ އަހަރު 10 މާރިޗުގެ ކުރިން އެ އުޅަނދުތައް ނެގުމަށް ވެސް ކައުންސިލުން އެންގިއެވެ.
އޭގެ ފަހުން، ފައިސާ ދެއްކުމަށާއި އުޅަނދުތައް ނެގުމަށް މިދިޔަ އަހަރުން ފެށިގެން މިދިޔަ ޖެނުއަރީ މަހާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން އެ ކުންފުންޏަށް ކައުންސިލުން އަންގާފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ކައުންސިލުން ކޯޓުގައި ބުނީ އެ ކުންފުނިން އެތަނުގައި އަޅާފައިވާ ހަތަރު އުޅަނދެއްގެ ތެރެއިން ތިން އުޅަނދެއް މިހާރު އޮތީ އަޑިއަށް ގޮސްފަ އެވެ. އެތަކެތި ނަގައި ސާފުކުރުމަށް އާންމުކޮށް އިއުލާންކޮށް، ވަކިން އެ ފަރާތަށް ސިޓީ މެދުވެރިކޮށް ތަކުރާރުކޮށް އެންގުމުން ވެސް އެގޮތަށް އަމަލުކޮށްފައިނުވާ ކަމަށް ކައުންސިލުން ބުންޏެވެ.




