އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް 31 ސަމިޓުގެ ތެރެއިން ބޭއްވި ކްލީން އެނަރޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން ހައިލެވަލް ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ތިމާވެއްޓާއި ރަށްޓެހި ހަކަތައަކީ ރާއްޖެފަދަ ޤައުމަކަށް އެންމެ ރަނގަޅު ހަކަތައިގެ ބާވަތް ނޫންކަމަށާއި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި، ޚަރަދުކުޑަކޮށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް މުހިއްމު ހަކަތައިގެ ބާވަތެއް ކަމަށެވެ.
ރާއްޖެއަކީ ބޭރު ޤައުމުތަކުން އިމްޕޯޓްކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެއްކަމަށާއި، އެކަމުގެ ސަބަބުން ތެލުގެ ބާޒަރަށް އަންނަ ލޮޅުންތަކާއެކު އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ރާއްޖެއިން އެންމެ އިސްކަންދީގެން ހާސިލުކުރަން ބޭނުންވާ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒެއް 2023 ވަނަ އަހަރު ކަނޑައަޅާފައިވާކަމަށެވެ. މި އަމާޒަށް ވާސިލުވެ، މުޅި ރާއްޖެއަށް އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ހަކަތަ އުފައްދާ ނިޒާމްތަކާއި ހަކަތަ ރައްކާކުރާ ނިޒާމްތައް ޤާއިމްކުރުމަށް އިންވެސްޓްކުރަންޖެހޭކަމަށާއި، ނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.



