ޕެންޝަން ސްކީމުގެ ތެރެއިން ފަރުޟު ޙައްޖަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 24،000 މީހުން އެބަތިބިކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕެންޝަން ފައިސާ ބޭނުން ކޮށްގެން ސީދާ ޙައްޖަށް ދެވެނީ، 336،000 ރުފިޔާ ހަމަވާނަމައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު އަދި ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާާކެޓިންގ އެންޑް ޕީއާރ އަބްދުﷲ މުއާޒު ވަނީ ޕެންޝަން ޤަވާއިދަށް ގެނައި އައު އިސްލާހުތަކާއި ބެހޭ ގޮތުން ތަފްސީލު ކޮށްދެއްވާފައެވެ.
މިމަހުގެ 5 ވަނަ ދުވަހު އަމަލުކުރަން ފެށި ޕެންޝަނާބެހޭ ޤާނޫނުގެ އިސްލާހާއެކު، ޢުމުރުން 65 އަހަރު ފުރުމަށްފަހު ވެސް ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ، ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ މަގުވަނީ ފަހިވެފައެވެ. މިއީ، ދިގު އިންތިޒާރަކަށްފަހު ޢުމުރުން ދުވަސްވީ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.
މި ނިޒާމުގެ ދަށުން ޢުމުރުން ދުވަސްވީ ފަރާތްތަކަށް ޚާއްޞަ އިސްކަމެއްދިނުމަށް، ހައްޖަށް ދިޔުމަށް ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ޙައްޖަށް ފޮނުވުމަށް ނިންމާފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ އިއުލާނު ކުރައްވާފައެވެ.
ޕެންޝަން ފައިސާ ބޭނުން ކޮށްގެން ސީދާ ޙައްޖަށް ދެވެނީ، 336،000 ރުފިޔާ ހަމަވާނަމައެވެ. ނަމަވެސް އެ އަދަދު ހަމަނުވި ނަމަވެސް، ޙައްޖުގެ ޖުމުލަ އަގު ކަމަށްވާ 69،965 ރުފިޔާގެ 75 އިންސައްތަ އަމިއްލައަށް ދައްކައިގެން ޙައްޖު ކިޔޫއަށް އެރޭނެކަމަށް ޙައްޖު ކޯޕަރޭޝަންގެ ހެޑް އޮފް މާާކެޓިންގ އެންޑް ޕީއާރ އަބްދުﷲ މުއާޒު ވަނީ ވިދާޅުވެފައެވެ. ޙައްޖަށްދާ އަހަރަށް ވާއިރު ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ އެ ފައިސާ ބޭނުންކުރެވޭނެ ކަމަށާއި، އޭރުން އަތުން ޚަރަދުކުރި ފައިސާގެ 20 އިންސައްތަ ޕެންޝަން ފަންޑުގައި ބެހެއްޓުމަށްފަހު ބާކީ ފައިސާ އެ މީހަކަށް ލިބޭނެކަން މުއާޒު ފާހަގަކުރެއްވިއެވެ.




